ނ. ހެނބަދުއަށް އިއްޔެ ކުރި ވިއްސާރައިގައި ގެތަކަށް ލިބުނު ގެއްލުމުގެ އަގު ހަ ލައްކަ ރުފިޔާއަށް ވުރެން ބޮޑު ވާނެ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
ހެނބަދޫގެ 75 ގެއަކަށް ފެން ވަތް ކަމަށް އިއްޔެ ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިތީ(އެންޑީއެމްއޭ) އިން ބުނެފައިވެއެވެ.
ހެނބަދޫގެ އެންމެ ފަހުގެ ތަފްސީލުތައް 'ސަން'އާ ހިއްސާކުރައްވައި އެރަށު ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު މިއަދު ވިދާޅުވީ، ފެން ވަތް ގެތަކުގެ ތެރެއިން 26 ގެއަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެ ގެއްލުންތަކުގެ ތަފްސީލު ހޯދުމަށް މިހާރު އެސެސްމަންޓުތައް ހަދަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިއްސާރައި މަގެއް މަތީ ފެންބޮޑުވެފައި: ވިއްސާރައިގައި ހެނބަދޫގެ 26 ގެއަކަށް ހަ ލައްކައެއްހާ ރުފިޔާގެ ގެއްލުންވި ---- ފޮޓޯ/ އެންޑީއެމްއޭ
އޭގެއިތުރުން އެބަ އުޅޭ ކައުންސިލް އިދާރާގެ އިތުރު ދެ ރޫމަކަށާއި ވޭސްޓް މެނޭޖްމަންޓު ސެންޓަރަށް [ފެން] ވަދެފައި. އެތަންތަން ވެސް ހުރީ ހަމަ ވަރަށް ބޮޑެތި މެޝިނަރީތައް ހުރީ ހަމަ ފެނު އަޑީގައި. ވަރަށް ގިނަ ގޭގެ އެ ހުރީ އަގުބޮޑެތި ފަރުނީޗަރުތައް ހަލާކުވެފައި. އެހެންވެއްޖިއްޔާ އުޅޭނެ ހަ ލައްކަ ނޫނީ ހަތް ލައްކަ ވަރު ގެއްލުން ވެފައިހެނބަދޫ ކައުންސިލްގެ ރައީސް ހުސައިން އަބޫބަކުރު
ގިނަ ގޭބީސީތަކުގައި ގެއްލުންތައް ލިބިފައި ހުރީ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނަށް ކަމަށާއި އެއްވެސް ގެއެއްގެ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދޭން ޖެހޭ ހާލަތަށް ނުދާކަން އަބޫބަކުރު ފާހަގަކުރެއްވިއެވެ.

ގެއްލުންލިބުނު ގެއެއްގެ ހާލު ދެނެގަތުމަސް ރެޑްކްރެސެންޓުގެ އޮފިޝަލެއް ހަރަކާތްތެރިވަނީ: ވިއްސާރައިގައި ހެނބަދޫގެ 26 ގެއަކަށް ގެއްލުން ލިބުނު ---- ފޮޓޯ/ އެންޑީއެމްއޭ
މީގެއިތުރުން، ވިއްސާރާގައި ގެއްލުންވި ދެވަނަ ރަށް ކަމަށްވާ ނ. ކެނދިކުޅުދޫގެ ކައުންސިލްގެ ރައީސް މުޙައްމަދު ރައޫފް 'ސަން'އަށް ވިދާޅުވީ، އެރަށުގެ ވެސް 30 ވަރަކަށް ގެއަށް ފެން ވަދެ ގެއްލުންތައް ލިބުނު ކަމަށާއި އެތަންތަނުގެ އެސެސްމަންޓުތައް ހަދަމުން އަންނަ ކަމަށެވެ.
މިހާރު ގެތައް ހުރީ ދިރިއުޅެވޭ ހާލާތުގައި ކަމަށްވީ ނަމަވެސް ބައެއް ތަކެއްޗަށް ގެއްލުން ލިބުނު ކަމަށް ރައޫފް ވިދާޅުވިއެވެ.
އިއްޔެގެ ވިއްސާރާގައި ވަނީ ޅ. ކުރެންދުއަށް ވެސް ގެއްލުންތަކެއް ލިބިފައެވެ. އެރަށުގެ މައުލޫމާތު ދެއްވަމުން ކުރެންދޫ ކައުންސިލް މެންބަރު ޒިފްލާ އިބްރާހީމް ވިދާޅުވީ، އެރަށުގެ ވެސް ބައެއް ގެތަކުގައި ފެންބޮޑުވި ކަމަށެވެ.

ހެނބަދޫގެ ގެއެއް ތެރޭ ފެންބޮޑުވެފައި: އިއްޔެ ކުރި ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ކަމަށް ލަފާކުރެވެނީ ހެނބަދޫގެ ގެތަކަށް ---- ފޮޓޯ/ އެންޑީއެމްއޭ
އެކަމަކު، މިދިޔަ ނޮވެންބަރު މަހު ކުރި ވިއްސާރާގައި ގެއްލުންވި ވަރަށް މިފަހަރު ގެއްލުން ނުލިބޭ ކަމަށާއި އިތުރު ތަފްސީލުތައް ދެނެގަންނަމުން އަންނަ ކަމަށް ޒިފްލާ ވިދާޅުވިއެވެ.
ނޮވެންބަރުގައި ކުރެންދޫއަށް ކުރި ވިއްސާރަގައި 104 ގެއަކަށް ފެން ވަދެ ގެއްލުންތަކެއް ލިބުނެވެ.
ގެތަކަށް ލިބިފައި ހުރި ސީދާ ގެއްލުން ދެނެގަނެވޭނީ އެސެސްމަންޓުތައް ހަދާ ނިމުމުން ކަމަށާއި އެއްވެސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިނުވާ ކަމަށް ތިން ރަށުގެ ކައުންސިލުން ވަނީ ބުނެފައެވެ.

ހެނބަދޫގެ ގެއެއް ތެރޭ ފެންބޮޑުވެފައި: ވިއްސާރައިގައި ހެނބަދޫގެ 26 ގެއަކަށް ހަ ލައްކައިގެ ގެއްލުންވި ކަމަށް ލަފާކޮށްފި ---- ފޮޓޯ/ އެންޑީއެމްއޭ
މި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުން އަންނައިރު، މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ކަމާ ބެހޭ އިދާރާތަކުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.