ބޯކޮށް ވާރޭވެހި، މާލެއާއި ހުޅުމާލެ ފެނުއަޑީގައި

ގިނަ އިރުތަކެއް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، މާލެއާއި ހުޅުމާލޭގައި ފެންބޮޑުވެއްޖެއެވެ.

ހެނދުނުން ފެށިގެން މާލެއާއި ހުޅުމާލެއަށް އަންނަނީ ވަރަށް ބޯކޮށް ވާރޭ ވެހެމުންނެވެ. އެހެންވެ، މާލެއާއި ހުޅުމާލޭގެ ގިނަ މަގުތަކުގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ.

މެޓުން ބުނި ގޮތުގައި، ހަވީރު 18:00އާ ހަމައަށް މެދުރާއްޖެތެރެއާއި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ގުގުރާނެއެވެ. މިގޮތުން، އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާއިރު، ދެކުނުގެ މޫސުން އާންމުކޮށް ރަނގަޅުވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.

މާލެއަށް މިއަދު ވާރޭވެހެމުން ދިޔަ ގަޑީގައި މަޖީދީމަގުގައި ބަޔަކު ހަރަކާތްތެރި ވަނީ --- ސަން ފޮޓޯ/ އަހުމަދު އިޔާދު

އެ އިދާރާއިން ބުނި ގޮތުގައި، ވައި ޖެހޭނީ އިރު އުތުރާއި އިރުން ގަޑިއަކު ތިން މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައެވެ.

އެކި ސަރަހައްދުތަކަށް ވިއްސާރަކުރި ނަމަވެސް ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. އެގޮތުން، ރާޅުގެ އުސްމިން ހުންނާނީ ފޫޓަކާއި ތިން ފޫޓާ ދެމެދުގައެވެ.

އެ އިދާރާއިން ވަނީ، ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށް ބުނެ، ހއ. އަތޮޅުން އދ. އަތޮޅާ ހަމައަށް ހުދު ސަމާލު ވެސް ނެރެފައެވެ. އެއީ، މިއަދު 16:30އާ ހަމައަށެވެ.

comment ކޮމެންޓް