ވަނުއަޓޫއަށް ބާރުގަދަ ބިންހެލުމެއް، މިހާތަނަށް 14 މަރު

ވަނުއަޓޫއަށް އައި ބާރުގަދަ ބިންހެލުމުގައި ގެއްލުންވެފައިވާ ސަރަހައްދެއް. ބިންހެލުމާ ގުޅިގެން 7 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައި،. ފޮޓޯ/އީޕީއޭ

ޕެސިފިކް ކަނޑުގައި އޮންނަ ވަނުއަޓޫއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް 14 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ވެރިރަށް ޕޯޓް ވިލާގެ ހޮސްޕިޓަލުގައި ތިބި ހަތަރު މީހުންނާއި، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ހިނގި ހާދިސާގައި މަރުވި ހަ މީހަކާއި، އިމާރާތެއް ވެއްޓި މަރުވި ހަތަރު މީހުންނެވެ. އިމާރާތްތަކުގެ ދަށުވެ މަރުވި މީހުންގެ އަދަދު އަދި އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބިންހެލުމުގެ ސަބަބުން އަސަރު ކުރި މީހުންގެ އަދަދު 116،000 އަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އދގެ އޮފީސް ފޯ ދަ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒުން ވަނީ ބުނެފައެވެ.

ވަނުއަޓޫގެ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮފީހުން އަންގާރަ ދުވަހުގެ ރޭ ނެރުނު ރިޕޯޓުގައިވާ ގޮތުން މިހާތަނަށް 200 އަށް ވުރެ ގިނަ މީހުންނަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވެއެވެ.

ބިންހެލުމުގެ ސަބަބުން އެމެރިކާ، ފްރާންސް، އިނގިރޭސިވިލާތް އަދި ނިއުޒީލެންޑްގެ އެމްބަސީ ހިމެނޭ އިމާރާތްތަކަށް ގެއްލުން ލިބިފައިވެއެވެ. އަދި ކަރަންޓާއި މޯބައިލްގެ ޚިދުމަތް ވެސް ކެނޑުނެވެ.

އޭގެއިތުރުން ޕޯޓް ވިލާއަށް ސަޕްލައިކުރާ ފެނުގެ ބޮޑު ދެ ރިޒާވް މުޅިން ހަލާކުވެފައިވާ ކަމަށާއި އެއާޕޯޓްވެސް އޮތީ އޮޕަރޭޝަނަލް ހާލަތެއްގައި ނޫން ކަމަށް ވަނުއަޓޫގައި ސަރުކާރުން ބުނެފައިވެއެވެ. ނަމަވެސް އިންސާނީ އެހީތައް ހިފައިގެން އަންނަ ބޯޓުތަކަށް ޚިދުމަތްދެވޭ ވަރުވާ ވާނެ ކަމަށް ސަރުކާރުން ބުނެއެވެ.

ވަނުއަޓޫގެ ޕޮލިހުން ބުނި ގޮތުގައި މީހުން ހޯދުމާއި ރިލީފް އޮޕަރޭޝަންތައް ކުރިއަށްދާއިރު އާންމުން ބޭރަށް ނުކުތުން ކޮންޓްރޯލު ކުރުމަށް ހަތް ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތު މިހާރު ވަނީ އިއުލާންކޮށްފައެވެ.

ބިންހެލުން އައިސްފައި ވަނީ އަންގާރަ ދުވަހުގެ ރޭ ވަނުއަޓޫ ގަޑިން މެންދަމު 12:47 ވަނުއޫޓާގެ މައި ރަށް އެފާޓްގެ އައްސޭރި ފަށުން ގާތްގަޑަކަށް 30 ކިލޯމީޓަރު ދުރަށް 57 ކިލޯ މީޓަރު އަޑިންނެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނި ގޮތުގައި ބިން ހެލުން އައިސްފައި ވަނީ 7.3 މެގްނިޓިއުޑްގެ ބާރުމިނުގައެވެ.

ދެކުނު ޕެސިފިކްގެ 80 ވަރަކަށް ޖަޒީރާ ހިމެނޭ ތިރި ޖަޒީރާއެއް ކަމަށްވާ ވަނޫއަޓޫ އޮންނަނީ ފިޖީގެ ހުޅަނގާއި އޮސްޓްރޭލިއާގެ އުތުރުގެ އިރުމަތީގައެވެ.

comment ކޮމެންޓް