ޖަޕާނަށް ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ދީފި

ޖަޕާނަަށް މީގެކުރިން އައި ބިންހެލުމެއްގައި އިމާރާތެއް ހަލާކުވެފައި -- ފޮޓޯ/ރޮއިޓާސް

ޖަޕާނުގެ ހުޅަނގު ދެކުނަށް 6.9 މެގްނިޓިއުޑުގައި ބާރުގަދަ ބިންހެލުމެއް އައުމާ ގުޅިގެން ސުނާމީ އަރައިފާނެ ކަމުގެ އިންޒާރު، އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ދީފިއެވެ.

ބިންހެލުން އައުމުގެ ސަބަބުން ސުނާމީގެ އިންޒާރު ނެރެފައި ވަނީ ޖަޕާނުގެ މިޔަޒަކީ ޕްރިފެކްޗާގެ ކްޔޫސޫއަށެވެ. ބިންހެލުން އައިސްފައި ވަނީ ބިމުގެ 37 ކިލޯމީޓަރު އަޑިއަށެވެ.

އެމެރިކާގެ ބިންހެލުންތަކާ ބެހޭ އިދާރާއިން ބުނީ، އެ ބިންހެލުމުގެ ލޮޅުންތައް ރިކްޓާ މިންގަނޑުން 6.9ގައި ރެކޯޑު ކުރެވިފައިވާ ކަމަށެވެ. ބިންހެލުމާ ގުޅިގެން ސުނާމީއެއް އުފެދިދާނެ ކަމުގެ އިންޒާރު ނެރެފައިވާއިރު، ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ އުފެދޭ ސުނާމީއެއްގެ ރާޅުތަކުގެ އުސްމިން އެއް މީޓަރަށް އަރާނޭ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ސުނާމީގެ ރާޅުތަކުގެ އަސަރު ކުރާނެ ކަމަށް ބެލެވެނީ މިޔަޒަކީއާއި ކޯޗީ ޕްރިފެކްޗާގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ކަމުގައި ވެސް ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ހާމަކުރެއެވެ.

ބިންހެލުމާ ގުޅިގެން ލިބިފައިވާ ގެއްލުންތައް މިހާތަނަށް ސާފުނުވާ ކަމަށް ބޭރުގެ މީޑިއާތަކުގައިވެއެވެ.

ޖަޕާން އޮންނަނީ، ދުނިޔޭގެ 90 ޕަސެންޓު ބިންހެލުންތައް އަންނަ ސަރަހައްދު ކަމަށްވާ، ޕެސިފިކް ރިންގް އޮފް ފަޔާ ސަރަހައްދުގައެވެ. އެއީ ބިންހެލުންތަކާއި ލޮޅުންތައް އާންމު، ނުރައްކާތެރި ސަރަހައްދެކެވެ.

comment ކޮމެންޓް