އިންޖީނިއަރިން ދާއިރާއިން މަތީ ފެންވަރުގެ ދިރާސާތައް ޝާއިއުކުރުމަށް ހާއްސަ ޕޯޓަލެއް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ, އެމްއެންޔޫއިން މިއަދު އިފުތިތާހުކޮށްފިއެވެ.
ގައުމީ ޔުނިވާސިޓީގައި މިކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާޓުގައި މި ޕޯޓަލް އިފުތިތާހުކޮށްދެއްވާފައި ވަނީ އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގް އިބްރާހިމެވެ. މި ޕޯޓަލްގެ ނަމަކީ އެމްޖެޓްއެވެ.
މި ޕޯޓަލަކީ ދިރާސާކުރާ ފަރާތްތަކަށާއި ޢިލްމުވެރިންނަށް އިންޖިނިއަރިންއާއި ކޮމްޕިއުޓާ ސައިންސްގެ އިތުރުން އައިޓީ އަދި ބަޔޯޓެކްނޮލޮޖީއާ ގުޅުންހުރި މުހިންމު ދާއިރާތަކުން މަތީ ފެންވަރުގެ ދިރާސާތައް ޝާއިޢުކުރުމަށް ޚާއްސަ ކުރެވިފައިވާ މަންސައެއް ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ޝެހެނާޒް އާދަމް ވަނީ މިއަދު ފާހަގަކުރެވެނީ ޔުނިވާސިޓީގެ ތާރީޚީ މުހިންމު ދުވަހެއް ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ އިންޖިނިއަރިން އާއި ޓެކްނޮލޮޖީއަށް ޚާއްޞަކުރެވިގެން ފުރަތަމަ މިފަދަ ޕޯޓަލް ތަޢާރަފު ކުރުމަކީ ހަމައެކަނި ޔުނިވާސިޓީއަށް ލިބޭ ކުރިއެރުމެއް ނޫން ކަމަށެވެ. މިއީ ގައުމުގެ ތައުލީމީ އަދި ދިރާސާތަކުގެ ދާއިރާއަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޝެހެނާޒް ވިދާޅުވީ ދާއިރާތަކަކީ ގައުމީ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި އައު އީޖާދުތައް ކުރުމަށް ވަރަށް މުހިންމު ދާއިރާތަކެއްކަމަށެވެ.
މި ޕޯޓަލަކީ އެޑިޓޯރިއަލް ޓީމާއި ފެކަލްޓީގެ އިތުރުން އެކަމުގައި އެހީތެރިވެދެއްވި ފަރާތްތަކުގެ އެއްބާރުލުމާއެކު ކުރެވުނު މުހުންމު މަސައްކަތެއް ކަމަށާއި މި ޕޯޓަލް ފަރުމާ ކުރެވިފައިވަނީ އެކަޑަމިކް ދިރާސާތަކާއި އަމަލީ ހައްލުތަކާ ދެމެދު ގުޅުން ގާއިމުކޮށް އިންޖިނިއަރިން އާއި ދެމެހެއްޓެނިވި ޓެކްނޮލޮޖީތަކާ ގުޅޭގޮތުން ޤައުމީ އަދި ބައިނަލްއަގްވާމީ މުއާމަލާތްތައް އިތުރުކުރުމަށް ކަމަށް ޝެހެނާޒް ވަނީ ވިދާޅުވެފައެވެ.
އަދި މިއީ އެންމެ ފަހުގެ ދިރާސާތަކާއި އުފެއްދުންތެރި ހިޔާލުތައް ފެތުރުމަށް އެހީތެރިވެދޭނޭ އަދި ދުނިޔޭގެ ކުރިއެރުންތަކަށް ހިއްސާ ކުރާނެ އެއްޗެއްކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
"މި މަސައްކަތަކީ އެމްއެންޔޫގެ ދިރާސާތައް ކުރިއެރުވުމާއި އަޅުގަނޑުމެންގެ މުޖުތަމައުގެ އިގުތިސާދީ ކުރިއެރުމަށް އެހީތެރިވުމުގެ އަޒުމު ދައްކުވައިދޭ ކަމެއް. އެމްޖޭއީޓީގެ ފުރަތަމަ އަދަދު މިއަދު ނެރެވޭއިރު މިތާ ތިއްބެވި އެންމެހައި ބޭފުޅުން މި ޖާނަލްއަށް އެހީތެރިވެދެއްވުމަށް އަޅުގަނޑު ހިތްވަރުދެމެވެ." ޝެހެނާޒް ވިދާޅުވިއެވެ.
ޝެހެނާޒް ވިދާޅުވީ އެމްޖޭއީޓީ އަކީ ފެންވަރު ރަނގަޅު ނަމޫނާއަކަށްވެ، އިންޖިނިއަރިން އާއި ޓެކްނޮލޮޖީގެ ދާއިރާގައި ކުރިއެރުން ގެނުވައިދޭ ބާރަކަށް ވެގެންދާނެކަމަށެވެ. އޭނާ ވަނީ ޖާނަލް ދިރުވައި އުފަންކުރުމަށް ކުރެއްވި ހިތްވަރާއި ބުރަ މަސައްކަތަށްޓަކައި އެޑިޓޯރިއަލް ޓީމަށް ވަރަށް ހާއްސަ ޝުކުރެއް ވެސް ދަންނަވާފައެވެ.