މޯލްޑިވްސް ޕޮލިސް ސާވިސްގެ ވިކްޓިމް ސަޕޯޓް ޑިފާޓްމަންޓްގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ދިވެހިބަހުގެ އެކެޑަމީން ކޯހެއް ފަށައިފިއެވެ.
އިއްޔެ ފެށި ކޯސް އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.
ޖުމުލަ 10 ގަޑިއިރަށް ކުރިއަށް ގެންދާ މި ކޯހުގެ މަގުސަދަކީ ދިވެހިބަހުގެ ހަމަތަކާއި ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ލިޔެކިޔުންތައް ބެހެއްޓުމާއި އަދަބު އިޙުތިރާމާ އެކު މުއާމަލާތުކުރާނެ ގޮތްތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުން ކަމަށް ދިވެހިބަހުގެ އެކެޑަމީން ވަނީ ބުނެފައެވެ.
އެގޮތުން، މި ކޯހުގައި ކުރިއަށްގެންދާ ބައިތަކުގެ ތެރޭގައި:
- ދިވެހިބަހުން ރީތިކޮށް ވާހަކަދައްކާނެ ގޮތް އޮޅުންފިލުވައިދިނުން
- ލަފުޒު ވަކިކޮށް ލިޔުމުގެ ގަވާއިދު އޮޅުންފިލުވައިދިނުން
- ސާފު ރީތިބަހުން އިބާރަތްކުރާނެ ގޮތް ކިޔައިދިނުން
- ދިވެހިބަހުގެ ގަވާއިދާ އެއްގޮތައް ސުކުންކުރާނެ ގޮތްތައް އޮޅުންފިލުވައިދިނުން
- ބަދަލުވާ އަކުރާއި ތާނައިގެ ތިކި ޖަހައިގެން ލިޔާނެ އުސޫލުތައް އޮޅުންފިލުވައިދިނުން
އެކެޑަމީން ބުނީ، މި ކޯހުގެ ކިލާސްތައް ކުރިއަށް ގެންދަނީ ފަސް ދަންފަޅިއަކަށް ބަހައިލައިގެން ކަމަށެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ ގައުމީ ޔުނިވާސިޓީގެ ދާރިސެއްކަމުގައިވާ އަޒީޒާ އަފީފާއި އަބްދުލްއަޒީޒުޖަމާލް އަބޫބަކުރެވެ.
ބަހުގެ އެކެޑަމީން ވަނީ މީގެ ކުރިން ވެސް ގިނަ ކޯސްތަކެއް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފައެވެ.