ޒަކާތުގެ ގޮތުގައި 13.3 މިލިއަން ރުފިޔާ: އެންމެ ގިނައިން ލިބުނު އަހަރު

އިސްލާމިކް މިނިސްޓްރީއަށް މީހަކު ޒަކާތް ދައްކަނީ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

ފިތުރު ޒަކާތަށް ފައިސާގެ ގޮތުގައި މި އަހަރު 13.3 މިލިއަން ރުފިޔާ ލިބުނު ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ބުނެފިއެވެ.

މިއީ އެންމެ ގިނައިން ޒަކާތުގެ ގޮތުގައި ފައިސާ ލިބުނު އަހަރެވެ.

އެ ވުޒާރާއިން އާންމު ކުރި ފާއިތުވި ހަތަރު އަހަރުގެ ޒަކާތުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރު ޒަކާތަށް ފައިސާގެ ގޮތުގައި ޖުމުލަ 13،264،819 ރުފިޔާ ވަނީ ލިބިފައެވެ. މިދިޔަ އަހަރު ލިބިފައިވަނީ 12،594،777.92 ރުފިޔާއެވެ. އޭގެ ކުރިން 2023 ވަނަ އަހަރު 12،691،506.08 ރުފިޔާ ލިބުންއިރު 2022 ވަނަ އަހަރު ލިބުނީ 11،669،385.10 ރުފިޔާއެވެ.

https://sun.mv/204215

ޒަކާތުގެ ގޮތުގައި ގޮވާމުން ވެސް މި އަހަރު ވަނީ 10،025.66 ކިލޯ ލިބިފައެވެ. އެކަމަކު، އެއީ މިދިޔަ އަހަރަށްވުރެ ދަށް އަދަދެކެވެ. މިދިޔަ އަހަރު ގޮވާމުން ޒަކާތަށް ލިބުނީ 12،959.29 ކިލޯއެވެ. އޭގެ ކުރިން 2023 ވަނަ އަހަރު 12،380.85 ކިލޯ ލިބުންއިރު 2022 ވަނަ އަހަރު ލިބުނީ 10،092 ކިލޯއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ފަގީރުންގެ ލިސްޓުގައި ރަޖިސްޓްރީކޮށްފައިވާ 2،765 މީހުންނަށް ފިތުރު ޒަަކާތުގެ ގޮތުގައި ބޮލަކަށް 4،500 ރުފިޔާ ވަނީ ބަހައިފައެވެ. އަދި، ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ޣައްޒާގެ ކުޑަކުދިންގެ ކާބޯތަކެއްޗަށް ފަސް ލައްކަ ރުފިޔާ ހަދިޔާކުރަން ވެސް ވަނީ ނިންމައިފައެވެ.

https://sun.mv/203820

މި އަހަރު ފައިސާއިން ރިކޯޑު އަދަދަކަށް ޒަކާތް ލިބުނުއިރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މީގެ ކުރިން ވަނީ ޒަކާތުގެ ގޮތުގައި ލިބޭ މިންވަރު އިތުރުވީ ހަރުދަނާ ނިޒާމެއް ގާއިމުކުރެވުމުން ކަމަށް ވިދާޅުވެފައެވެ. މީހުން ޒަކާތާ މެދު ހޭލުންތެރިކުރުވަން ވެސް ގިނަ ޕްރޮގްރާމްތަކެއް ކުރިއަށްގެންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޒަކާތުގެ ޚަރަދުގެ ތަފުސީލުތައް ހާމަކުރުމާއި މަހުން މަހަށް ނެރޭ ރިޕޯޓު ނެރުމާއި ޒަކާތު ހައުސްއެއް ގާއިމުކުރުމަކީ ވެސް އެ ކަމަށް މަގުފަހިވީ ސަބަބެއް ކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް