ހުޅުމާލޭ އަޒީޒާ މިސްކިތުގައި އިމާމުވެ ޢީދު ނަމާދުކުރަން ހަވާލުކުރި މީހާއާއި އޭނާގެ ބަދަލުގައި ހަވާލުކުރި މީހާ ވެސް ނަމާދަށް ނުދިއުމުން އެ މިސްކިތުގައި ބިދޭސީއަކު މިއަދު އިމާމުވެ ޢީދު ނަމާދުކޮށްފިއެވެ.
ރާއްޖޭގައި ޢީދު ނަމާދުކުރަނީ ހެނދުނު 7:00 ގައެވެ.
މިއަދު ހުޅުމާލޭ އަޒީޒާ މިސްކިތުގައި ބިދޭސީއަކު އިމާމުވެ ނަމާދުކުރި މައްސަލައެއް ފެންމަތިވުމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އެ މިސްކިތުގައި އިމާމުވެ ޢީދު ނަމާދުކުރަން ހަވާލުކުރި އިމާމާއި އޭނާގެ ބަދަލުގައި ހަވާލުކުރި އެ މިސްކިތުގައި އަސްލު އިމާމު ވެސް ފަސް އަހަރު ދުވަހަށް ރާއްޖޭގެ އެއްވެސް ރަށެއްގައި ޚުތުބާ ކިއުމުން ސަސްޕެންޑުކުރަން އަންގާފައިވާނެ ކަމަށެވެ.
އަދި، އެ މިސްކިތުގެ އަސްލި އިމާމު މިނިސްޓްރީއަށް ނާންގައި، ޖަމާއަތަށް ހާޒިރުނުވާތީވެ، އެ މައްސަލަ ވަކި މައްސަލައެއް ގޮތުގައި ބަލައި، އެ އިމާމު ވަޒީފާއިން ސަސްޕެންޑުކުރަން ވެސް ކަމާ ބެހޭ ޔުނިޓަށް އަންގާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.