ގައުމީ ޔުނިވާސިޓީ އެމްއެންޔޫއާއި އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަން މޯލްޑިވްސް ގުޅިގެން ގައުމަށް ބޭނުންވާ ތެރަޕިސްޓުން ތަމްރީނުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިކަމަށް ހާއްސަކޮށްގެން އެމްއެންޔޫގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އޮކިއުޕޭޝަނަލް ތެރަޕީ އެސޯސިއޭޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ޗެއާޕާސަން އާމިނަތު ތޫހާ އަދުލީއެވެ. އަދި ޤައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއިކުރީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. ޢާއިޝަތު ޝެހެނާޒް އާދަމްއެވެ.
އެމްއެންޔޫއިން ބުނީ މިވަގުތު ރާއްޖޭގައި މަސައްކަތްކުރާ ދިވެހި އޮކިއުޕޭޝަނަލް ތެރަޕިސްޓުންގެ އަދަދަކީ ތިނެއް ކަމަށާއި އެހެންކަމުން މިދާއިރާއަށް ބޭނުންވާ ފަންނީ ހިދުމަތްތެރިން ތަމްރީނުކުރުމަކީ ޔުނިވާސިޓީން އިސްކަމެއް ދީގެން ކުރާ މަސައްކަތެއް ކަމަށެވެ.
އެމްއެންޔޫއިން ފަރުމާކޮށްފައިވާ ހަތަރު އަހަރުގެ އޮކިއުޕޭޝަނަލް ތެރަޕީ ޑިގްރީ ކޯހަކީ ދާއިރާގެ ފަންނީބޭފުޅުންގެ ލަފާޔާއެކު އިންޓަނޭޝަނަލް ޔުނިވާސިޓީތަކާ ބެންޗްމާކް ކޮށް އަދި ވޯލްޑް ފެޑެރޭޝަން އޮފް އޮކިއުޕޭޝަނަލް ތެރަޕީގެ މިނިމަމް ސްޓޭންޑަޑްތަކާ އެއްހަމަކޮށްގެން އެކުލަވާލާފައިވާ ކޯހެއް ކަމަށް އެ ޔުނިވާސިޓީން ވަނީ ބުނެފައެވެ.
އަދި އޮކިއުޕޭޝަނަލް ތެރަޕީ ކޯހުގެ އިންޓަނޭޝަނަލް އެކްރެޑިޓޭޝަން ލިބުމަށް ކުރަންޖެހޭ ފުރަތަމަ މަރުހަލާ މިއަދު ސޮއިކުރި އެއްބަވުމުން ކާމިޔާބުވެފައި ވާކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.
މި ކޯސް ވާނީ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ފުރަތަމަ އިންޓަނޭޝަނަލީ އެކްރެޑިޓެޑް ކޯހަށް ކަމަށް ވެސް އެމްއެންޔޫއިން ވަނީ ބުނެފައެވެ.
އެމްއެންޔޫއިން ބުނީ މި ކޯސް ވާނީ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލާއި ވޯލްޑް ފެޑެރޭޝަން އޮފް އޮކިއުޕޭޝަނަލް ތެރަޕީ އަދި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހަކަށް ކަމަށެވެ. މި ޯހުގެ ސަބަބުން އިންޑަސްޓްރީއާ ގާތްގުޅުމެއް އުފެދި އަމަލީ ތަޖުރިބާ ހޯދަން ފަހި ފުރުސަތެއް ލިބޭނެ ކަމަށާއި ވަޒީފާގެ މާހައުލަށް ލޯހުޅުވިފައިވާ މިންވަރު އިތުރުވާދާނެ ކަމަށް އެމްއެންޔޫއިން ވަނީ ބުނެފައެވެ.
މި ކޯސް މޮވަގުތު އޮތީ ފަރުމާކުރުމުގެ ފައިނަލް ސްޓޭޖުގައެވެ. އެގޮތުން، ހުއްދަތައް ހޯދުމަށް މަސައްކަތްކުރަމުން ދާއިރު އުއްމީދަކީ އަންނަ އަހަރުގެ ދެ ވަނަ ޓާމުގައި ކޯސް ފެށުން ކަމަށް އެމްއެންޔޫއިން ބުންޏެވެ.
ފެކަލްޓީއިން ވަމުންދާ ތައްޔާރީތަކުގެ ތެރޭގައި ކޯހަށް ބޭނުންވާ ކޯ ޓެކްސްޓް ފޮތްތައް ހޯދުމާއި އޮކިއުޕޭޝަނަލް ތެރަޕީ ލެބޯޓަރީ ގާއިމުކުރުމާއި ދެމެހެއްޓިނިވި ގޮތެއްގައި ކިޔަވައިދިނުމަށް ބޭނުންވާ ދާރިސުން ހޯދުމުގެ އިތުރުން ދާއިރާއިން ޔުނިވާސިޓީގެ މުވައްޒިފުން ތަމްރީނު ވުމަށް ފުރުސަތު ފަހިކޮށްދޭ ކަމަށް އެމްއެންޔޫއިން ބުންޏެވެ.