ކުރީގެ އިއުލާނު ބާތިލުކޮށް، އޭސީސީގެ ހުސްވެފައިވާ މެންބަރު ކަމަށް ކުރިމަތިލާން އަލުން ހުޅުވާލައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން ހުންނަ އިމާރާތް: އެކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލައިފި -- ފޮޓޯ/ އޭސީސީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ހުސްވެފައިވާ މެންބަރު ކަމުގެ ދެ މަގާމަކަށް ކުރިމަތިލާން މިއަދު އަލުން ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލުމަށް ފުރަތަމަ ހުޅުވައިލީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހުއެވެ. ނަމަވެސް، މިއަދު ވަނީ އެ އިއުލާނު ބާތިލުކޮށްފައެވެ.

އޭސީސީގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވައިލާފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 31ވާ ހޯމަ ދުވަހުގެ 12:00ގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނީ، އޭސީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސް އޮފީހުން ކަމަށެވެ.

‎އޭސީސީގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެ ކަމަށާއި އޮފީހުގެ ވެބްސައިޓުން ފޯމު ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އޭސީސީގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި އެ ކޮމިޝަންގެ މެންބަރު ތޯހާ މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސަލާމާއި ތޯހާ އިސްތިއުފާ ދެއްވާފައި ވަނީ ދެ ބޭފުޅުން މަގާމުން ދުރުކުރަން މިދިޔަ ނޮވެންބަރު މަހުގެ 24ވަނަ ދުވަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފައި ވަނިކޮށެވެ.

https://sun.mv/199480

އެގޮތުން މެންބަރުން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރާ ކަމަށާއި، މަގާމުގައި ހުރެ ގަވާއިދާ ޚިލާފަށް އެތައް ކަމެއް ކޮށްފައިވާކަމަށް ވަނީ ތުހުމަތުކޮށްފައެވެ.

އޭގެ ތެރޭގައި، ބައެއް މައްސަލަތަކުގައި އަމަލުކޮށްފައިވާ ގޮތާއި މުވައްޒަފުންނާ ދޭތެރޭ ގޯސްކޮށް އަމަލުކުރުމުގެ ތުހުމަތުތައް ވެސް ހިމެނެއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް