އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ގާބިލުކަން އިތުރުކުރުމާ ގުޅޭ މަޝްރޫއަކަށް ޖަޕާނު ސަރުކާރުން 300 މިލިއަން ޖަޕަނީސް ޔެން (2.1 މިލިއަން ޑޮލަރު)ގެ ހިލޭ އެހީ ދިނުމަށް ނިންމައިފިއެވެ.
އެ މަޝްރޫއަށް ހިލޭ އެހީ ދިނުމަށް "އެކްސްޗޭންޖް އޮފް ނޯޓްސް"ގައި މިއަދު ވަނީ ސޮއިކޮށްފައެވެ. އެގޮތުން، އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ޑރ. ޢަބްދުﷲ ޚަލީލާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، މިނިސްޓަރު ޚަލީލް ވަނީ ކޮރަޕްޝަނާ ދެކޮޅަށް ރާއްޖެއިން ކުރަމުންގެންދާ މަސައްކަތްތައް ހިންގުން ހަރުދަނާކުރުމުގައި މަޝްރޫއުގެ މުހިންމު ކަމަށް އަލިއަޅުއްވާލައްވާފައެވެ.

މިނިސްޓަރު ޚަލީލް (ކ) ޖަޕާނުން ރާއްޖެއަށް ކަނޑައަޅާގައި ހުންނަވާ ސަފީރު (ވ): މި އެއްބަސްވުމުގެ ދަށުން 2.1 މިލިއަން ޑޮލަރުގެ ހިލޭ އެހީ ޗައިނާއިން ދިނުމަށް ވަނީ ހަމަޖެހިފައި --- ފޮޓޯ/ ފޮރިން މިނިސްޓްރީ
މި މަޝްރޫޢަކީ ރާއްޖޭގައި ކޮރަޕްޝަނާ ދެކޮޅަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ހާމަކަން ބޮޑު ދެފުށް ފެންނަ، ޒިންމާދާރު ސަރުކާރެއް ބިނާކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. އަދި، ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރުމުގައި ޖަޕާނު ސަރުކާރުން އަދާކުރަމުންދާ މުހިންމު ދައުރަށް ޚަލީލް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.
މީގެއިތުރުން، ދެގައުމުގެ ދެމެދުގައި އޮތް ގާތް ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް ޚަލީލް އަލިއަޅުއްވާލައްވިއެވެ.
މިފަދަ މަޝްރޫޢު ތަކުން ރާއްޖޭގެ ތަރައްގީގެ ދަތުރުގައި ޖަޕާނުން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަކުރައްވައި ޚަލީލް ވަނީ ޖަޕާނު ސަރުކާރުން ދޭ ދީލަތި އެހީތެރި ކަމަށް ޝުކުރު އަދާކުރައްވާފައެވެ.
މި ރަސްމިއްޔާތުގައި އޭސީސީގެ ރައީސް އާދަމް ޝާމިލާއި ފޮރިން މިނިސްޓްރީގެ އިސް ވެރިންނާއި އޭސީސީއާއި ފިނޭންސް މިނިސްޓްރީގެ އިތުރުން ޖަޕާނުގެ އެމްބަސީގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.