ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން "އެންޓި ކޮރަޕްޝަން ކޮންފަރެންސް 2024" މިއަދު ފަށައިފިއެވެ.
މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ކޮންފަރެންސްގެ ޝިއާރަކީ މޫސުމީ ބަދަލުތަކާއި ތިމާވެށީގެ މަޝްރޫއުތައް ކުރިއަށް ގެންދިޔުމާއި މޫސުމީ ބަދަލުތަކާ ގުޅުން ހުރި ކަންކަން ހިންގުމުގެ ނިޒާމުގައި ނަޒާހަތްތެރިކަން ގާއިމުކުރުމެވެ.
އެ ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ، މި އަހަރުގެ ކޮރަޕްޝަންގެ ދުވަހުގެ ޝިއާރު އޮތީ ރާއްޖޭގެ އާބާދީގެ ޑިމްގްރެފީއަށް ބަލާއިރު ވަރަށް ގުޅޭ ގޮތަކަށް ކަމަށެވެ. އެގޮތުން މި ޝިއަރު އޮތީ ޒުވާނުން އެމީހުންގެ މުސްތަގުބަލު ނަޒާހާތްތެރި ކުރުމުގެ މައްޗަށް ބައްޓަން ކުރުމުގެ މާނައިގައި ކަމަށް ޝާމިލް ވިދާޅުވިއެވެ.
މިއަދުގެ ޒުވާނުން ގައުމުގެ ނަޒާހަތްތެރިކަން ކޮރަޕްޝަނަށް ދޫކޮށްލައިފިނަމަ މާދަމާ ގައުމެއް ނުލިބޭނެ ކަމަށާއި އެކަމުގައި ސަރުކާރުން ދެ ކަމެއް ގެންގުޅޭ ކަމަށް ޝާމިލް ވިދާޅުވިއެވެ.
އޭގެތެރޭގައި، މި ހުރިހާ ސިފަތައް ގުޅުމުގެ އަމާޒަކަށްވާ ގައުމިއްޔަތު ސިފަތައް ކުރިއެރުވުމަކީ ނަޒާހަތްތެރި ޖީލެއް ބިނާކުރުމަށްޓަކައި މުހިންމު ކަމެއް ކަމަށް ޝާމިލް ވިދާޅުވިއެވެ.
މީގެއިތުރުން، އެ ރަސްމިއްޔާތުގައި ސްޕެޝަލް އެންވޯއީ ފޯ ކްލައިމެޓް ޗޭންޖް އަލީ ޝަރީފު ވިދާޅުވީ، މި ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިނުވާ ގޮތަށް އަމަލު ކުރަމުން އަންނަ ކަމަށާއި މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ގުޅުން ހުރި ކަންކަމަށް ދައުލަތުން ކުރާ ޚަރަދު ހާމަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.
"މޫސުމީ ބަދަލުތަކާގުޅޭ މުއާހަދާތަކަށް ހުށައަޅަންޖެހޭ ރިޕޯޓުތައް އެބަހުރި ކްލައިމެޓް ފައިނެންސިންއާ ގުޅޭ. މި ރިޕޯޓުތައް ހުށައެޅުމުގައި ކުދި ޖަޒީރާ ޤައުމުތަކަށް ލުއިތަކެއް ދީފައި އެބަހުރި. އެހެންނަމަވެސް ޓްރާންސްޕޭރެންސީ ރިޕޯޓް، އެންމެ ފަހުވަގުތަށް މަނޑުނުކޮށް ބޮޑެތި ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއިން ވަނީ ހުށައަޅާފައި. މިކަމާގުޅޭ މަޢުލޫމާތު އަޅުގަނޑުމެން ބޭނުންވީ ވީހާވެސް އަވަހަކަށް ހާމަކުރަން" އޭނާ ވިދާޅުވިއެވެ.
ދެ އަހަރުން އެއް އަހަރު ބާއްވާ މި ކޮންފަރެންސްގައި ކީނޯޓު ސްޕީޗުތަކާއި ޕެނަލް ޑިސްކަޝަންތަކާއި މަޝްވަރާ ބައްދަލުވުންތައް ކުރިއަށްދާއިރު، ކޮރަޕްޝަން ހުއްޓުވަން ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށް މި ކޮންފަރެންސްގައި މަޝްވަރާކުރާނެ ކަމަށް އޭސީސީން ބުނެފައިވެއެވެ.
މިއަދަކީ ބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.