އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ޑީޕޯޓުކުރަނީ

އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު މީހާއަކީ މި މީހާ ކަމަށާއި އޭނާ ޑީޕޯޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނި -- ފޮޓޯ/ އިމިގްރޭޝަން

މިމަހުގެ ހަ ވަނަ ދުވަހު މާލޭ އާޓިފިޝަލް ބީޗުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު މީހާ ހޯދިފައިވާ ކަމަށާއި އޭނާ ޑީޕޯޓު ކުރަން ނިންމައިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނެފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް، އާޓިފިޝަލް ބީޗު ސަރަހައްދުގައި ހިންގި މާރާމާރީގައި އެންމެ އިސްކޮށް އުޅުނު ބިދޭސީ މީހާ ފުލުހުންގެ އެހީތެރިކަމާއެކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

އެ މީހާގެ ފޮޓޯއާއެކު އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި، އޭނާއަކީ އަމްރިތު ސިންހް ކިޔާ 25 އަހަރުގެ ފިރިހެނެކެވެ. އެ މީހާ ނިސްބަތްވަނީ ކޮން ގައުމަކަށް ކަމެއް އިމިގްރޭޝަނުން ހާމައެއް ނުކުރެއެވެ.

އެ ޚިދުމަތުން ބުނީ އެ މީހާ ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެ މާރާމާރީގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރި މިމަހުގެ ހަވަނަ ދުވަހުގެ 18:22ހާއިރެވެ.

އެ ހާދިސާގެ ވީޑިއޯތަކެއް އާންމުވެފައިވާއިރު، ގިނަ އަދަދެއްގެ ބިދޭސީން އެކަކު އަނެކަކަށް ހަމަލާދޭ މަންޒަރު ވީޑިއޯތަކުން ފެނެއެވެ.

https://sun.mv/199919

އެ މައްސަލައިގައި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް ޝައްމާން ވަހީދު މީގެ ކުރިން ވަނީ މާރާމާރީގައި ބައިވެރިވި ބިދޭސީންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

އެ މައްސަލައިގައި އިތުރު ބަޔަކު ބެލުމުގެ ދަށަށް ގެންދިޔަކަމަށް މިހާތަނަށް އިމިގްރޭޝަނުން ބުނެފައިނުވެއެވެ.

https://sun.mv/191405

މިދިިޔަ އޭޕްރިލް މަހު ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ، ގާނޫނާ ޚިލާފުވާ، ޚާއްޞަކޮށް ޖިނާއީ ކުށްތަކަށް އަރައިގަންނަ ބިދޭސީން ހައްޔަރުކުރުމަށް ފަހު 48 ގަޑިއިރު ތެރޭ ޑީޕޯޓު ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ބިދޭސީން ޖިނާއީ ކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ޚާއްޞަ ޓާސްފޯހެއް މިނިސްޓްރީން އެކުލަވާލައިފައިވާއިރު، ބިދޭސީންނާ ގުޅިގެން ބަލާ މައްސަލަތަކުގެ ތެރޭގައި މާރާމާރީ އާއި މަރުގެ މައްސަލަތައް ވެސް ހިމެނެއެވެ.

comment ކޮމެންޓް