ގާނޫނާ ޚިލާފުވާ، ޚާއްޞަކޮށް ޖިނާއީ ކުށްތަކަށް އަރައިގަންނަ ބިދޭސީންނާ މެދު މިހާރު އަމަލުކުރަމުންދާ ގޮތަކީ، އެފަދަ މީހުން ހައްޔަރުކުރުމަށް ފަހު 48 ގަޑިއިރު ތެރޭ ޑީޕޯޓު ކުރެވޭތޯ ބެލުން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.
ވަޒީރުންނާ ސުވާލުކުރުމަށް ފުރުސަތުދޭ 'އަހާ' ފޯރަމްގައި އިހުސާން ވިދާޅުވީ، ކުށްކުރާ ބިދޭސީންނަށް މިހާރު އެއްވެސް ފުރުސަތެއް ނުދޭ ކަމަށެވެ. އެގޮތުން ބިދޭސީއަކު ކުށެއް ކުރިކަން އެނގުމާއެކު އެ ދުވަހުން ދުވަހަށް ހައްޔަރު ކުރުމަށް މަސައްކަތް ކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު އެހެން ވިދާޅުވީ، ބިދޭސީން ގެނައުމަށް ދައްކާ ޑިޕޮސިޓް އަނބުރާ ނުލިބުމާ ގުޅޭ ގޮތުން މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެގޮތުން ފައިސާ އަނބުރާ ދިނުމުގެ ނިޒާމުގައި ލަސްތަކެއް އުޅޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެ ނިޒާމު އަވަސް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިހުސާން ވިދާޅުވީ މިނިސްޓްރީން މިހާރު އެ ނިޒާމަށް ގެނައި ބަދަލުގެ ދަށުން ބިދޭސީ މީހާ ފުރުވާލެވިއްޖެ ކަމަށް ބެލެވޭ ހިސާބުން، އެ މީހާ ގެނައި މީހާގެ އެކައުންޓާ ގުޅުން ހުރި އީވޮލެޓަށް ފައިސާ ޖަމާ ކުރަން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ނަގުދު ފައިސާ ބޭނުންވާ މީހުންނަށް އެގޮތަށް ފައިސާ ހޯދުމުގެ ފުރުސަތު ވެސް އޮންނާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
"ވަރަށް ގިނަ މީހުންގެ ފައިސާ ރީފަންޑް ނުކުރެވި އެބަހުރި އެކަމަކު މީގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންގެ ނަމުގައި ބޭރު މީހުން ގެނެސް، ބޭރު މީހުންތައް ފިލާފައި ނުވަތަ ވާނުވާ ނޭނގީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އުޅެމުންދާ މީހުން،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދައުލަތުން އެ ފައިސާ ހިފަހައްޓަނީ އެ ބިދޭސީ މީހާ ހާލުގައި ޖެހިގެން ނުވަތަ ޑީޕޯޓު ކުރަން ޖެހިއްޖެއްޔާ އެހީ ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން ކުށެއް ކޮށްގެން ޑީޕޯޓް ކުރަން ޖެހޭ މީހުން ފޮނުވާލަން ވެސް ބޭނުންކުރަނީ ޑިޕޮސިޓް ފައިސާކަން އިހުސާން ފާހަގަކުރެއްވިއެވެ.
"އެހެންވީމަ އެ ފައިސާއަކީ ހަމަ ކުރިން ވެސް އެގްރިމެންޓް ކުރެވިފައިވާ ގޮތަށް އެމީހާ ހާލުގައި ޖެހިގެން ނުވަތަ މިފަދަ ޖިނާއީ ކުށަކަށް އަރައިގެން އޭގެ ޒިންމާ އޭނާ ނަގަން ޖެހޭ ހާލަތުގައި އޭނާ ފުރުވާލުމަށް ޓިކެޓް އަވަސްކޮށް ނަގަން ބޭނުންކުރާ ފައިސާ،" އޭނާ ވިދާޅުވިއެވެ.
ބިދޭސީ މީހާ ޑީޕޯޓުކުރަން ޑިޕޮސިޓް ފައިސާ ބޭނުންކުރަން ޖެހިއްޖެ ނަމަ އެ ފައިސާ އަނބުރާ ނުދެވޭނެކަން އަންގާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބިދޭސީން ޖިނާއީ ކުށްތަކަށް އަރައިގަންނަ މައްސަލަ ހައްލުކުރުމަށް ޚާއްޞަ ޓާސްފޯސްއެއް އެކުލަވާލައި، އެ ޓާސްކްފޯސްގެ މަސައްކަތުގެ ދަށުން ބިދޭސީންތަކެއް ހިފަހައްޓައި، އޭގެ ތެރެއިން ބައެއް މީހުން ބޭރަށް ފުރުވާލާފައިވާ ކަމަށް މީގެ ކުރިން ހޯމް މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖޭގައި ބިދޭސީން ކުށް ކުރުން އިތުރުވެފައިވާއިރު، ބިދޭސީންނާ ގުޅިގެން ބަލާ މައްސަލަތަކުގެ ތެރޭގައި މާރާމާރީ އާއި މަރުގެ މައްސަލަތައް ވެސް ހިމެނެއެވެ.