އޮރެންޖުން ރީނދޫ ސަމާލަށް، 45 މޭލަށް ވައި ގަދަވާނެ: މެޓް

ކަނޑުގަދަ ދުވަހެއް: މޫސުން ވަރަށް ގޯސް، 45 މޭލަށް ވައި ގަދަވާނެ ކަމަށް މެޫން ލަފާކޮށްފި -- ސަން ފޮޓޯ/ އިބްރާހިމް ނާއިޝް

ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ޤައުމީ އިދާރާ މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފިއެވެ.

މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ބ.އަތޮޅަށް މިއަދުގެ 09:30 އިން ފެށިގެން 13:30 އަށެވެ.

އެ އޮފީހުން ބުނީ އެ ސަރަހައްދަށް މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި 45 މޭލަށް ވައި ގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

އެ އޮފީހުން ވަނީ މިއަދުގެ ހެނދުނު 07:00 އިން 11:00 އަށް ބ. އަތޮޅުން ފެށިގެން މ. އަތޮޅަށް ވެސް ރީނދޫ ސަމާލެއް ނެރެފައެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހުމާއެކު ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެކަމަށް އެ އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތަށް ބަލާއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށް އެ އޮފީހުން ވަނީ ބުނެފައެވެ.

އުތުރުގެ އަތޮޅުތަކަށް އިރު އުތުރާއި އިރުން އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާ ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވަލއިޖެހޭނެ ކަމަށް ލަފާކުރާއިރު ވިލާގަނޑަކު ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް އެ އޮފީހުން ވަނީ ލަފާކޮށްފައެވެ.

މެޓް އޮފީހުން ބުނީ މިހާރު ރާއްޖެއަށް ކުރަމުން މި އަންނަ ވިއްސާރައަކީ އިރުމަތީގައި އުފެދުނު ސާކިއުލޭޝަނެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށެވެ. އެ ސާކިއުލޭޝަން މިހާރު ހުޅަނގުގެ ހިސާބުތަކަށް މިސްރާބު ޖަހާފައިވާކަމަށް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް މިއަދު ވިއްސާރަ ކުރާނެ ކަަމަށް ބެހޭވޭ ކަމަށާއި ހުޅަނގުގެ ހިސާބުތަކަށް މާދަމާ ކޮންމެ ވެސް ވަރަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި އަންނަ އަންގާރަ ދުވަހުން ފެށިގެން މޫސުން އަލިވާނެ ކަމަށް އެ އޮފީހުން ވަނީ މައުލޫމާތު ދީފައެވެ.

comment ކޮމެންޓް