ކުރިއަށް އޮތް ދެ ދުވަހު ރާއްޖެއަށް މޫސުން ގޯސް ވާނެ ކަމަށް، ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
މޫސުމާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިިިއްސާކުރަމުން މެޓުން ބުނީ އެންމެ ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވެެނީ އުތުރާއި މެދު ރާއްޖެތެރޭގެ ސަރަހައްދުތަކަށް ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓުން ވަނީ ބުނެފައެވެ.
މެޓުން ބުނީ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވެނީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު މަޑުމަޑުން ހުޅަނގަށް ޖެހޭތީކަމަށެވެ.
އުތުރު އަދި މެދުރާއްޖެތެރެއަށް ކުރިއަށް އޮތް ދެ ދުވަހު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
ވިލާގަނޑުގައި ގަޑިޔަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވެއެވެ.
އުތުރާއި މެދު ރާއްޖެ ތެރެއަށް ބޮޑަށް ވިއްސާރަ ވާނެ ކަމަށް ލަފާ ކުރާއިރު ދެކުނުގެ އަތޮޅުތަކަށް ވެސް ކޮންމެ ވެސް ވަރަކަށް ވިއްސާރަވުން އެކަށީގެންވާ ކަމަށް މެޓުން ބުނެއެވެ.
ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވާން އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
މިހާރު ދޭތެރެ ދޭތެރެއިން ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތައް ލިބުން ވަނީ އާއްމުވެފައެވެ. އެގޮތުން މި ރޯދަ މަސް ފެށުނު ފަހުން ވެސް ކުރި ވިއްސާރައިގައި މާލެއާއި އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ފެންބޮޑުވެ އެކި ވަރުގެ ގެއްލުންތައް ލިބުނެވެ.