ފްރާންސުގެ ބެލުމުގެ ދަށުގައި އޮންނަ މަޔޮޓްއަށް ބާރުގަދަ ތޫފާނެއް އަރައި އެތައް ސަތޭކަ ބަޔަކު މަރުވެފައިވާ ކަމަށް ބެލެވިއްޖެއެވެ.
ތޫފާން "ޗިޑޯ" ގެ ނަން ދީފައިވާ އެ ތޫފާނަކީ ގާތްގަނޑަކަށް ގަރުނެއްހާ ދުވަހުގެ ތެރޭގައި އެ ރަށްތަކަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ.
ތޫފާންގެ ސަބަބުން މަރުވި މީހުންގެ އަދަދު އަދި މިހާލަތުގައި ސައްޚަ ނުވެދާނެ ކަމަށާއި އެތައް ހާސް ބަޔަކުވެސް މަރުވެފައިވެދާނެ ކަމަށް އެ ގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވެއެވެ. އެކަމުގެ ސަބަބުން ކާނާ އާއި ފެނާއި ބޭސް ފަދަ އެހެނިހެން ޒަރޫރީ ސާމާނު ނުލިބޭނެ ކަމުގެ ކަންބޮޑުވުން ވެސް އުފެދިފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ތޫފާން "ޗިޑޯ" ގެ ސަބަަބުން އެތައް ސަތޭކަ ބަޔަކު ވަނީ މަރުވެފައި.ފޮޓޯ/ޖެޓީ އިމޭޖަސް
ތޫފާން "ޗިޑޯ" ގައި ގަޑިއަކު 200 ކިލޯމީޓަރަށް ވުރެ ބާރުމިނުގައި ވައިޖެހި، އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި، ސަރުކާރުގެ އިމާރާތްތަކާއި ހޮސްޕިޓަލަކަށް ގެއްލުން ލިބިފައިވާ ކަމަށް ފްރާންސްގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
މިއީ ފާއިތުވި 90 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެ ރަށަށްތަކަށް އެރި އެންމެ ބާރުގަދަ ތޫފާން ކަމަށް ފްރާންސްގެ މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ.
މުސްލިމުންގެ މެޖޯރިޓީއެއް އޮންނަ މަޔޮޓްއަކީ ފްރާންސްގެ ވެރި ރަށް ޕެރިހާއި ގާތްގަނޑަކަށް 8،000 ކިލޯމީޓަރު (5،000 މޭލު) ދުރުގައި އިންޑިއާ ކަނޑުގައި އޮންނަ އޮންނަ ރަށްތަކެކެވެ. މަޔޮޓްއަކީ ފްރާންސްގެ ބެލުމުގެ ދަށުގައި އޮންނަ އެހެން ގައުމުތަކަށް ވުރެ ފަގީރު ސަރަހައްދެކެވެ. އަދި އެއީ ގޭންގް އަނިޔާވެރިކަމާއި އިޖުތިމާއީ ހަމަނުޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާތާ އެތައް އަހަރެއް ވެފައިވާ ތަނެކެވެ.