ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ދެ ދުވަހުގެ ދަތުރުފުޅު ނިންމަވާލައްވައި މިއަދު އެނބުރި މާލެ ވަޑައިގެންފިއެވެ.
ރައީސްގެ މި ދަތުރުފުޅަކީ ރާއްޖޭގެ ހުރިހާ ކައުންސިލުތަކާ ބައްދަލުކުރައްވައި މަޝްވަރާކުރެއްވުމަށް މިއަހަރު ފެއްޓެވި ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ޒިޔާރަތްކުރައްވައި އެ ރަށްރަށުގެ ރައްޔިތުންނާއި، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި އެ މަނިކުފާނު ވަނީ، އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވަން ގަސްދުކުރައްވާކަން އިއުލާންކުރައްވާފައެވެ.
ހަމައެއާއެކު ރަށްރަށުގެ ތަރައްގީއަށް ބޭނުންވާ ކަންކަމާއި، ރައްޔިތުން އެންމެ އެދޭކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެރަށްރަށުގެ ސިއްހީ މަރުކަޒުތަކަށާއި ސްކޫލްތަކަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ހާލަތުވެސް ބައްލަވާލައްވާފައެވެ.
މި ދަތުރުފުޅުގައި ރައްޔިތުންނާ މުޚާތަބުކުރައްވައި އެމަނިކުފާނު ވަނީ މުހިންމު ކަންތައްތަކެއް އިޢުލާންކުރައްވާފައެވެ.
އެގޮތުން އަންނަ ރަމަޟާންމަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އިނާޔަތް ދެއްވަން ފައްޓަވާނެކަން އެމަނިކުފާނު އިއުލާންކުރެއްވިއެވެ. އަދި ބޭރު ފައިސާގެ ބިލު ރަނގަޅަށް ތަންފީޒުކުރެވެން ފަށާތާ ހަމަސް ދުވަހާއި ބާރަ މަސް ދުވަހާ ދެމެދުގެ މުއްދަތެއްގެ ތެރޭގައި ޑޮލަރުގެ ދަތިކަމަށް ހައްލު ލިބޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ލޯކަލް ޓޫރިޒަމުން ލިބޭ އާމްދަނީގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކުރަންޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ކުރަމުންދާ ފަންނީ މަސައްކަތް ނިމުނުހާ އަވަހަކަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭރުން ފަތުރުވެރިކަމުން ލިބޭ ޓެކްސް، ސީދާ ކައުންސިލްތަކަށް ލިބޭނެ ކަމަށާއި، ކައުންސިލްތަކަށް މާލީ ބާރުވެރިކަން އިތުރަށް ލިބޭނޭ މަގު ފަހިކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން އެމްޓީސީސީ މެދުވެރިކޮށް ރާއްޖޭގައި ދޭން ފަށާފައިވާ ޒަމާނީ ފެރީގެ ޚިދުމަތް, އަރިއަތޮޅުގައި ފަށަން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.