އަންނަ އަހަރުގެ ކުރީކޮޅު މަސައްކަތް ފަށައި އަރިއަތޮޅު ދެކުނު ބުރީ އޮމަދޫގެ ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެކުއެކީގައި ނިންމާދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ، އޮމަދޫއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެ ޖަލްސާގައި އޮމަދޫ ކައުންސިލްގެ ރައީސް އިބްރާހީމް އާދިލް ވަނީ އެރަށު ރައްޔިތުންނަށް ދިމާވާ ދަތިތައް ހިއްސާކުރައްވާފައެވެ. އެގޮތުން، އެންމެ ބޮޑު ކަންބޮޑުވުމެއް ގޮތުގައި އާދިލް ފާހަގަކުރެއްވީ، އެރަށުގެ ބަނދަރު ނުހެދި ލަސްވުމެވެ.
މިގޮތުން، މީގެ 25 ވަރަކަށް އަހަރު ކުރިން ހެދި އޮމަދޫގެ ބަނދަރު މިހާރު އޮތް ހާލަތުން ލޮލުން ކަރުނަ އަންނާނެ ކަމަށާއި އެ ބަނދަރުގެ ސަބަބުން އެތައް އުޅަނދަކަށް ގެއްލުން ލިބިފައިވާ ކަމަށް އަދީލް ވިދާޅުވިއެވެ.
ކުރިން އެރަށު ބަނދަރުގެ މަސައްކަތް ފެށި ނަމަވެސް، ކީވޯލްގެ އެއްބައި ނިމިފައި ވަކި ހިސާބަކުން އެ މަޝްރޫއު ހުއްޓިފައި ވާކަން އޭނާ ފާހަގަކުރެއްވިއެވެ.
ދެވަނަ ކަންބޮޑުވުމެއް ގޮތުގައި އަދީލް ފާހަގަކުރެއްވީ، އެރަށު ބަނދަރު ހެދި ހިސާބުން ފެށިގެން ރަށްގިރުމުގެ މައްސަލަ ކުރިމަތިވެ، ބޮޑު ބައެއް ގިރާފައިވުމެވެ.
މިހާރު ވަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ކަންތައް. އެމްޓީސީސީއާ ހަވާލުކޮށްފައި، އަޅުގަނޑު ވަރަށް ހިތްހަމަ ޖެހުނު، އެކަމަކު މިހާރު އެންމެ ބޮޑަށް ހިތްދަތިވާ ކަމަކީ އެކަން ފެށޭނެ ދުވަހެއް އަޅުގަނޑުމެނަށް ނޭނގޭތީއޮމަދޫ ކައުންސިލްގެ ރައީސް އިބްރާހީމް އާދިލް
އެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވައި، ރައީސް މުއިއްޒު ވަނީ އޮމަދޫގެ ތަރައްގީއަށްޓަކައި ރައްޔިތުން ބޭނުންވާ ގޮތަށް އެރަށުގެ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
މިއަހަރު ބަޖެޓުގައި ޖާގަ ނެތުމުން އޮމަދޫ ބަނދަރުގެ މައްސަލައަށް ހައްލެއް ނުގެނެވުނު ކަމަށާއި މި ފެށޭ އަހަރު ކަންކަން ތަފާތު ވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ދެ މަޝްރޫއު ވެސް އޮތީ ސޮއިކުރެވިފައި، އެހެންނަމަވެސް، ނުހިނގާ އޮތީ، އެހެންވީމާ ބަނދަރުގެ މަސައްކަތް ހިނގަމުން ދާއިރުގައި، އެއާ އެކުގައި އެ މައްސަލައަށް ވެސް ހައްލު ގެނެސްދޭނަން. ދެ މަޝްރޫއު އެކުއެކީގައި ނިންމާލަދޭނަން. މި އަންނަ އަހަރު އެ މަޝްރޫއު ކުރިއަށްދާނެ. ވިހާވެސް ކުރީކޮޅުރައީސް ޑރ. މުޙައްމަދު މުއިއްޒު
މީގެއިތުރުން، އެންމެ ސަމާލުކަން ދޭ ކަމެއްގެ ގޮތުގައި ދެކިވަޑައިގެން އޮމަދޫގެ ބަނދަރާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމާދޭނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ. އަދި، އެރަށުގެ ރައްޔިތުންގެ އެހެން ކަންބޮޑުވުންތައް ހައްލުކޮށްދިނުމުގެ މަސައްކަތް ވެސް އަންނަ އަހަރު ތެރޭ ފަށާނެކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.