އަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތް ކުރައްވާނެ ކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު އިއުލާނު ކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން އިއުލާނުކުރެއްވީ، އދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހެނދުނު މަހިބަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަފުޅުގައެވެ.
އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އެކި ސަބަބުތައް ދިމާވެގެން މިހާތަނަށް ބައްދަލުނުވެ، އޮތީ ހަތަރު ކައުންސިލަކާ ކަމަށާއި އެ ކައުންސިލްތަކާ ބައްދަލުވުމުން ހުރިހާ ކައުންސިލްތަކާ ބައްދަލުވާނެ ކަމަށެވެ.
"އަޅުގަނޑު ދެން ކުރަން ނިންމާފައި އޮތީ، އަޅުގަނޑު ނުދާ ހުރިހާ ރަށަކަށް ދިޔުމުގެ ދަތުރުތައް، އެހެންވީމަ އެ ދަތުރުތައް ވެސް ފަށާނަން. އެހެންވީމަ މި ދާއިރާގައި ދެން ހުރި ރަށްތަކަށް ވެސް މި އަތޮޅުގައި ވެސް އަޅުގަނޑަށް ނުދެވި ހުރި ރަށްތަކަށް އަދި މުޅި ރާއްޖޭގައި ވެސް ނުދެވޭ ރަށްތަކަށް މިއަންނަ އަހަރު ތެރޭ ބަހާލައިގެން މިއަންނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ ރަށަކަށް އަޅުގަނޑު ދާނަން،" ރައީސް ވިދާޅުވިއެވެ.
އެގޮތުން، ހުރިހާ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުވުމުން ބޭނުންވާ ކަންތައްތައް އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އޭރުން ސީދާ ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރިއަށް ގެންދަން ވަރަށް ފަސޭހަވެގެން ދާނެ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި، ކައުންސިލްތަކުގެ ފަރާތުން ލިބޭ މިހާރު ލިބޭ އެއްބާރުލުން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގަައި ނުދެވޭ ރަށްތަކަކީ ނުގޮސް ދޫކޮށްލާނެ ރަށްތަކެއް ނޫން ކަމަށާއި އެކި ކައުންސިލްތަކާ ބައްދަލުވުމުން އެކަން ފާހަގަކުރައްވާ ކަމަށެވެ.
ދެ ހާސް ސައްބީސް ވަނަ އަހަރު ދޫކޮށްލުމަށް ފަހުގައި، ޕްލޭނަކީ ޖެހިގެން އަންނަ 2027ވަނަ އަހަރު ދެވަނަ ފަހަރަށް ރާއްޖޭގެ ރަށްތަކަށް ޒިޔާރަތްކުރުމުގެ ދަތުރުފުޅުތައް ފެއްޓެވުން ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދައުރުގެ ތެރޭގައި ދެ ފަހަރަށް ރާއްޖޭގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އެ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
އިއްޔެ ރައީސް އޮފީހުން ބުނި ގޮތުގައި، ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި މިހާތަނަށް 185 ކައުންސިލަކާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.