ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި އަރިއަތޮޅު ދެކުނުބުރީ ދަނގެއްޗާއި މަހިބަދޫ އަދި އޮމަދުއަށް ރައީސް ވަޑައިގަތުމަށް ހަމަޖެހިފައި ވާކަމަށެވެ.
އެ ދަތުރުފުޅުގައި އަރިއަތޮޅު ދެކުނުބުރީގެ ވީހާވެސް ގިނަ ރަށްތަކުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލު ކުރެއްވުމަށްވެސް ހަމަޖެހިފައި ވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ކުރައްވާ ސިލްސިލާ ދަތުރުފުޅުތަކުގައި، ރައްޔިތުންގެ ހާލުއަހުވާލު ބެއްލެވުމާއި ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުވުމާއި ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނޭ ގޮތާ މެދު މަޝްވަރާކުރެއްވުމަށް ނިންމަވާފައި ވާކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
އެގޮތުން ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފަށްޓަވައިގެން ކުރިޔަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގައި މިހާތަނަށް 185 ކައުންސިލަކާ ބައްދަލުކުރައްވާފައި ވާކަން ރައީސް އޮފީހުން ވަނީ ފާހަގަކޮށްފައެވެ. މިދިޔަ ހަފުތާގައި އެ މަނިކުފާނު ވަނީ މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނު އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސް އޮފީހުން ބުނީ އދ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާ ކަމަށެވެ.