އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސްގެ ކޮއްކޯފުޅު ޕްރިންސް އެންޑްރޫއާ ވިޔަފާރީގެ ގުޅުން އޮންނަ ޗައިނާގެ ޖާސޫސެއް ކަމަށް ބެލެވޭ މީހަކު އިނގިރޭސިވިލާތަށް ވަނުން މަނާކޮށްފިއެވެ. އޭނާ އިނގިރޭސިވިލާތަށް ވަނުން މަނާކޮށްފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބުނެއެވެ.
އިނގިރޭސިވިލާތަށް އެމީހާ ވަނުން މަނާކޮށް އަމުރު ނެރުނީ އެގައުމުގެ އިމިގްރޭޝަން ޓްރައިބިއުނަލަކުން ބުރާސްފަތި ދުވަހުއެވެ.
އެ އަމުރުގައި ވާގޮތުން އެމީހާއަށް ވަނީ އެންޑްރޫގެ އުފަންދުވަހު ބޭއްވި ހަފްލާއަށް ވެސް ދައުވަތު އަރުވާފައެވެ.
އިނގިރޭސިވިލާތުގެ ކަމާބެހޭ ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ނަން ހާމަކޮށްފައި ނުވާ ޗައިނާގެ ރައްޔިތަކީ ބޭރުގެ ޖަމާއަތްތަކަށް ނުފޫޒު ފޯރުވުމަށް ބޭނުންކުރާ ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ގޮތްޕެއް ކަމަށްވާ ޔުނައިޓެޑް ފްރަންޓް ވޯކް ޑިޕާޓްމަންޓުގެ ފަރާތުން މަސައްކަތް ކުރަމުން ދިޔަ މީހެކެވެ.
ޑިއުކް އޮފް ޔޯކްގެ ނަމުން ވެސް މަޝްހޫރު އެންޑްރޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ލަފާ ގަބޫލުކޮށް، ކަންބޮޑުވުންތައް ފާޅުވުމާއެކު އެމީހާއާއެކު އޮތް ހުރިހާ ގުޅުމެއް އެންޑްރޫ ކަނޑާލާފައިވާ ކަމަށެވެ.
ޕްރިންސް އެންޑްރޫއަށް މުއްސަނދި ބިދޭސީންނާ ގުޅުން އޮންނަ ކަމަށް ބުނެ ތަކުރާރުކޮށް ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެ ފަރާތްތަކުން ޝާހީ އާއިލާއަށް ވަދެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރާ ކަމުގެ ކަންބޮޑުވުންތައް އުފެދިފައިވެއެވެ.
ދެހާސް ނަވާރަވަނަ އަހަރު ޖަލުގައި އަމިއްލައަށް މަރުވި އެމެރިކާގެ މިލިއަނަރު އަދި ކުށްވެރިވެފައިވާ ޖެފްރީ އެޕްސްޓައިންއާ ގުޅުން ހުރި ކަންބޮޑުވުންތަކުގެ ސަބަބުން އެންޑްރޫ ޝާހީ މަސްއޫލިއްޔަތުތަކުން ދުރުވެވަޑައިގަތުމަށް މަޖުބޫރުވެވަޑައިގަން، އާންމުންގެ ތާއީދު ގެއްލިގެން ދިޔައެވެ.
އިނގިރޭސިވިލާތުގެ ޖާސޫސީ އިދާރާތަކުގެ އިސްވެރިން ވަނީ ޗައިނާއިން އިނގިރޭސިވިލާތުގެ ސަރުކާރުގެ ސިޔާސަތުތަކަށް ނޫފޫޒު ފޯރުވަން މަސައްކަތްކުރާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. 2022ވަނަ އަހަރު އިނގިރޭސިވިލާތުގެ އެމްއައި5ގެ ނަމުން މަޝްހޫރު ޑޮމެސްޓިކް އިންޓެލިޖެންސް ސާވިސް އިން ވަނީ އިނގިރޭސި-ޗައިނާގެ ވަކީލަކު ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ނޭދެވޭ ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާ ކަމަށް ބުނެފައެވެ.
ޗައިނާއަށް ސިއްރު މައުލޫމާތު ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި ޕާލަމެންޓްރީ ރިސާޗަރަކު ވެސް ވަނީ މިދިޔަ އަހަރު ހައްޔަރުކޮށްފައެވެ.
ޕްރިންސް އެންޑްރޫއަކީ ރާނީ އެލިޒަބަތު 2ގެ ތިން ވަނަ ދަރިކަލުންނެވެ.