އިނގިރޭސި އާ ސަފީރުގެ ފުރަތަމަ ބަސްކޮޅު ދިވެހިބަހުން، ވިދާޅުވީ އެއީ ހަމައެކަނި މާލޭ ސަފީރެއް ނޫނޭ

ރައީސް މުއިއްޒަށް އިނގިރޭސި ސަފީރުގެ ފަތްކޮޅު އެރުވުމަށް ވަޑައިގަންނަވަނީ: އިނގިރޭސި އައު ސަފީރު ތައާރަފުވީ ދިވެހި ބަހުން -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ބަހުން ތައާރަފުވެ، އޭނާ މަސައްކަތްކުރައްވާނީ ހަމައެކަނި 'މާލެއަށް ކަނޑައަޅާފައިވާ' ސަފީރުގެ ބަދަލުގައި 'މުޅި ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ' ސަފީރުގެ ގޮތުގައި ކަމަށް އިނގިރޭސިވިލާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އާ ސަފީރު ނިކޮލަސް ޑޭވިޑް ލޯ މިއަދު ވިދާޅުވެއްޖެއެވެ.

އެންމެންގެ ސަމާލުކަން އަތުލައިގަތީ އިނގިރޭސި އެމްބަސީގެ 'އެކްސް' އެކައުންޓް މެދުވެރިކޮށް ދެއްވި ވީޑިއޯ މެސެޖެއް ފައްޓަވައި ދިވެހިން އޭނާ އަމިއްލައަށް ތައާރަފުވުމުންނެވެ.

"އައްސަލާމްއަލައިކުމް. އަޅުގަނޑުގެ ނަމަކީ ނިކް ލޯ. އަޅުގަނޑަކީ އިނގިރޭސި ސަފީރު. އެންމެންގެ ހާލު ކިހިނެއްތޯ؟" އެ މެސެޖު ފައްޓަވަމުން އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަފީރުކަމުގައި އޭނާ ހުންނަވާ ހަތަރު ވަރަކަށް އަހަރު، ރާއްޖޭގެ ކޮންމެ ތަނެއްގައި ދިރިއުޅޭ ރައްޔިތަކާ ވެސް ބައްދަލުކުރެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. މިއަދު ދުނިޔެ މި އޮތީ ވަރަށް ގިނަ މައްސަލަތަކެއްގެ ތެރޭގައި ކަމަށާއި، އެހެންނަމަވެސް ދެ ގައުމު ގުޅިގެން ދެ ގައުމުގެ މަންފާއަށް މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް ތިމާވެށީގެ ރޮނގުންނާއި ދެމެހެއްޓެނިވި ތަރައްގީއަށް އިސްކަން ދެއްވާނެ ކަމަށް ސަފީރު ވިދާޅުވިއެވެ.

އޭނާ ވަނީ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިއްޔެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އަރުއްވާފައެވެ.

ރައީސް މުއިއްޒަށް އިނގިރޭސި ސަފީރުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު -- ފޮޓޯ/ ރައީސް އޮފީސް

އެއަށް ފަހު އެ މަނިކުފާނާ އެކީ ބޭއްވެވި ބައްދަލުކުރެއްވުމާ ގުޅިގެން ސަފީރު ވިދާޅުވީ، ވަރަށް އުންމީދީ އަދި ބިނާކުރަނިވި ވާހަކަތަފުޅުތަކެއް ދެއްކެވި ކަމަށެވެ. އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ކަމުގެ ޔަގީންކަން ލިބުނު ކަމަށް ވިދާޅުވިއެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް، ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާ އެކު ހިންގަވައިފައެވެ.

ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމުން އެ މަނިކުފާނު ވަނީ އާ ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރުހަބާ ދަންނަވާފައެވެ.

ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ.

comment ކޮމެންޓް