ފަތުރުވެރިކަމާއި މަތީ ތައުލީމުގެ ދާއިރާ ކުރިއަރުވަން އިނގިރޭސި ވިލާތާއެއްކޮށް ދިވެހި ސަރުކާރުން މިއަދު މަޝްވަރާކޮށްފިއެވެ.
އެގައުމާ އެއްކޮށް، ސަރުކާރުން މިއަދު މަޝްވަރާކުރީ އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައެޅި އާ ސަފީރު ނިކޮލަސް ޑޭވިޑް ލޯގެ ސަފީރުކަމުގެ ފަތްކޮޅު ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އަރުވަން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތަށް، ޖުމްހޫރީ މައިދާނުން ފެށިގެން ރައީސް އޮފީހާ ހަމައަށް ސަފީރު ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.
ސަފީރުގެ ފަތްކޮޅު ރައީސަށް އެރުވުމުން އެމަނިކުފާނު ވަނީ ތަހުނިޔާ ދަންނަވައި، ރާއްޖެއަށް ވަޑައިގެންނެވުމުން އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
އޭގެއިތުރުން، މި ބައްދަލުވުމުގައި ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ދެ ގައުމުން ވަނީ މަޝްވަރާކޮށްފައެވެ.
އެގޮތުން، ދެ ގައުމު ގުޅިގެން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ޚާއްޞަކޮށް މަތީ ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމާ ގުޅޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ. ރައީސް މުއިއްޒާއި ސަފީރުގެ ވާހަކަފުޅުގައި، މޫސުމީ ބަދަލުތަކަށް ހޭނުމާއި އެކަމުގެ ސަބަބުން ދިމާވާ ޙާލަތްތަކުގެ މައްޗަށް ވަނީ އަލިއަޅުވާލައްވާފައެވެ.
ރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965ވަނަ އަހަރުގެ ޖުލައި މަހުގެ 26ވަނަ ދުވަހުއެވެ.