ފްރާންސްގެ ބޮޑުވަޒީރު ކަމަށް ފްރާންސުއާ ބައިރޫ އިއްޔެ އައްޔަންކުރައްވައިފިއެވެ.
މިއީ މިއަހަރު ތެރޭގައި ފްރާންސްގެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރެއްވި ތިން ވަނަ ބޭފުޅާއެވެ.
ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮންގެ ގާތް އެކުވެރިއެއް ކަމަށްވާ ބައިރޫ ބޮޑު ވަޒީރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އެންމެ ބޮޑު އިސްކަމެއް ދެއްވާނީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓު އަންނަ އަހަރު ވެސް ބޭނުންކުރެވޭ ގޮތަށް ހެދުން ކަމަށް ސަރުކާރުން ބުނެއެވެ.
އިތުބާރު ނެތްކަމުގެ ވޯޓު ނަގައި ކުރީގެ ބޮޑު ވަޒީރު މިޝެލް ބާނިއޭވެސް މަގާމުން ދުރުކުރީ، އަންނަ އަހަރުގެ ބަޖެޓާ ގުޅިގެން މައްސަލަ ބޮޑުވެ، އިޖުތިމާއީ ޚިދުމަތްތަކުގެ ބަޖެޓް ބިލް މަޖިލީހުގެ ވޯޓަށް ނާހައި ފާސްކުރުމުންނެވެ.
ސިޔާސީ ނުތަނަވަސްކަން ބޮޑުވެފައިވާ ފްރާންސްގައި ރައީސް މެކްރޮންގެ ދެވަނަ ދައުރު ފުރިހަމަކުރެއްވޭނެ ކަމާމެދުވެސް ވަނީ ޝައްކު އުފެދިފައެވެ. މެކްރޮންގެ ދައުރު ނިމޭނީ 2027 ވަނަ އަހަރެވެ.
ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ފްރާންސްގައި ވެރިކަން ކުރާ އިއްތިހާދުގެ ބައެއްގެ ގޮތުގައި ހިމެނޭ ޑިމޮކްރެޓިކް މޫވްމަންޓް (މޯޑެމް) ޕާޓީގެ ބާނީ ބައިރޫ ވަނީ ތިން ފަހަރު ރައީސް ކަމަށް ކުރިމަތިލައްވާފައެވެ.
މެކްރޮން ވަނީ 2017 ވަނަ އަހަރު ޖަސްޓިސް މިނިސްޓަރު ކަމަށް ބައިރޫ އައްޔަން ކުރައްވާފައެވެ. ނަމަވެސް އޭނާގެ ޕާޓީގެ ޚިޔާނާތުގެ މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ބަލަން ފެށުމުން އޭނާ މަގާމުން އިސްތިއުފާ ދެއްވިއެވެ.