އަންނަ އާދިއްތަ ދުވަހު ހައުސިން މިނިސްޓްރީގެ ޚިދުމަތްތައް ދަރުބާރުގޭގައި އާންމުންނަށް ދެވޭނެހެން އިންތިޒާމު ހަމަޖެއްސޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
އިއްޔެ ހައުސިން މިނިސްޓްރީއާއި އިންފްރާސްޓަކްޗަރު މިނިސްޓްރީގެ އިތުރުން އެންވަޔަމެންޓް މިނިސްޓްރީ ހުރި އިމާރާތުގައި ވަނީ އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި އެތަން ބޭނުންނުކުރެވޭ ވަރަށް އަނދާފައި ވާއިރު، އެމިނިސްޓްރީތަކުގެ ޚިދުމަތްތައް ވަނީ ވަގުތީ ގޮތުން މެދުކެނޑިފައެވެ.
އެހެންވެ، އެ މިނިސްޓްރީތަކުގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލު ކުރުމުގެ މަސައްކަތް މިއަދު ހެނދުނު ވަނީ ފަށާފައެވެ.

އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ހައުސިން މިނިސްޓްރީގެ އިމާރާތް ---- ސަން ފޮޓޯ/ ނާއިޝް ނާހިދު
ދަރުބާރުގޭގައި ހުންނަވައި މިނިސްޓަރު ހައިދަރު 'ސަން'އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މިނިސްޓްރީގެ މަސައްކަތްތައް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، މިރޭ 10:00ގެ ނިޔަލަށް އެތަނުގައި ސެޓަޕް ގާއިމުކުރުމުގެ މަސައްކަތް ނިންމޭނެ ކަމަށާއި ބާކީ ހުރި ކަންކަން މާދާމާ ނިންމޭނެ ކަމަށެވެ.
ދެން ހުރި ކަންކަން މާދަމާ ކޮށްފައި، އިރާދަކުރެއްވިއްޔާ އާދިއްތަ ދުވަހު ހެނދުނު އާންމުންނަށް ޚިދުމަތްތައް ދެވޭނެ ގޮތަކަށް އަޅުގަނޑުމެން އިންތިޒާމުތައް ރާވާނަން
އެ މަސައްކަތުގައި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، އެތަނުގެ ޕާޓިޝަންތައް ހެދުން ފަދަ ކަންކަމުގައި އެހީތެރިކަން ލިބޭ ކަމަށެވެ. އެޗްޑީސީގެ އިތުރުން އެސްޓީއޯއާއި އެމްއޭސީއޭލް މެދުވެރިކޮށް ކަރަންޓު ކޭބަލިންގެ އިތުރުން ކޮންޕިއުޓަރުތައް ލިބޭނެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ.

އަލިފާނުގެ ހާދިސާ ހިނގި ހައުސިން މިނިސްޓްރީ އިމާރާތް އަނދާފައި: އެ މިނިސްޓްރީގެ ސެޓަޕް ދަރުބާރުގޭގައި ގާއިމުކޮށް، ޚިދުމަތްތައް ދެވޭނެ ކަމަށް މިނިސްޓަރު ހައިދަރު ވަނީ ވިދާޅުވެފައި --- ސަން ފޮޓޯ/ ނާއިޝް ނާހިދު
މީގެއިތުރުން، އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށާއި އެކަމުގެ ތަހުގީގުތައް ފުލުހުން ކުރަމުން އަންނަކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެެވެ.
ދަރުބާރުގެއަކީ ކުއްލި ހާލަތްތަކުގައި ސަރުކާރުގެ އެކި ބޭނުންތަކަށް އަބަދުވެސް ބޭނުންކުރަމުން އައި އިމާރާތެކެވެ.
މި އަލިފާނުގެ ހާދިސާގައި އެ އިމާރާތުގައި ހިންގި މާލެ ސިޓީ ކައުންސިލްގެ ބަޔަކަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ. އެ ގެއްލުމާ ގުޅިގެން މާލެ ރައްޔިތުންނަށް ދެމުން އައި އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާނެހެން މާލެ ސިޓީ ކައުންސިލުން ދެމުންއައި ޚިދުމަތްތައް ވަގުތީ ގޮތުން ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ގެތަކުން ނުކުންނަން ޖެހިފައިވާ 50 މީހަކަށް އިއްޔެ ވަނީ ސޯޝަލް ސެންޓަރުން ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.