އިންޑިއާގެ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމު "ޕުޝްޕާ 2"ގެ އެކްޓަރު އައްލޫ އަރުޖުން އިއްޔެގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ކަފާލާތުގެ ދަށުން ދޫކޮށްލައިފިއެވެ.
އިއްޔެގެ ވަގުތެއްގައި ޓެލަންގާނާ ފުލުހުން އައްލޫ އަރުޖުން ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ހައިދަރުއާބާދުގައި ބޭއްވި ފިލްމު "ޕުޝްޕާ 2"ގެ ޚާއްސަ ސްކްރީނިންއަށް އެކްޓަރު ދިއުމުން ތިއޭޓަރަށް އެއްވެ ތިބި މީހުން ތޮއްޖެހި އެއްބަޔަކު ފިތި ބާރުވުމުގެތެރޭގައި އަންހެނަކު މަރުވި ހާދިސާއާ ގުޅިގެންނެވެ.
މި ހާދިސާގައި ރެވަތީ ކިޔާ އަންހެނަކު ނޭވާ ހާސްވެ މަރުވެފައިވާއިރު އެމީހާއާ އެކީ ތިއޭޓަރަށް ދިޔަ އޭނާގެ ދަރިފުޅަށް ވެސް ވަނީ އަނިޔާވެފައެވެ. އައްލޫ އަރުޖުންއާ ދެކޮޅަށް ރެވަތީގެ އާއިލާއިން ފުލުހަށް މައްސަލަ ހުށަހަޅާފައި ވާއިރު މި ތިއޭޓަރު ހިންގާ އިދާރާއާ ދެކޮޅަށް ވެސް އާއިލާއިން ވަނީ ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާއާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ 35 އަހަރުގެ ރެވަތީގެ ފިރިމީހާ ވަނީ އައްލޫ އަރުޖުންއާ ދެކޮޅަށް އާއިލާއިން ހުށަހެޅި މައްސަލަ އަނބުރާ ނަގަން ބޭނުންވާ ކަމަށް ބުނެފައެވެ. ފިލްމީ ޓޮލީވުޑްގެ އޮފިޝަލް އެކްސް އެކައުންޓުގައި، ބާސްކަރު ނަމަކަށްކިޔާ އެ މީހާގެ ވީޑިއޯއެއް ވެސް މިހާރު ވަނީ ޕޯސްޓުކޮށްފައެވެ.
މި ވީޑިއޯ ކްލިޕްގައި ރެވަތީގެ ފިރިމީހާ ބުނެފައި ވަނީ "ޕުޝްޕާ 2"ގެ އެކްޓަރު ހައްޔަރު ކުރަން ކޯޓު އަމުރެއް ނެރުނުކަން އޭނާއަށް ނޭނގޭ ކަމަށާއި އާއިލާއިން މައްސަލަ ހުށަހެޅީ ސިނަމާގ ހިންގި މީހުންނާ ދެކޮޅަށް ކަމަށެވެ. އަންހެނުންގެ މަރުގެ ޒިންމާ އައްލޫ އަރުޖުން ނަގަންޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށް ބާސްކަރު ނަމަކަށް ކިޔާ މި މީހާ ވަނީ ބުނެފައެވެ.
އަންހެނުން ތިއޭޓަރަށް ދިޔައީ އެ ދެމަފިރިންގެ ދަރިފުޅު އައްލޫ އަރުޖުންގެ ފިލްމު ބަލަން ހުރި ޝައުގެއްގެއް ބޮޑު ކަމުން ކަމަށް ވެސް ބާސްކަރު ވަނީ މީޑިއާގައި ބުނެފައެވެ. ރެވަތީގެ އާއިލާއިން އައްލޫ އަރުޖުން ޒިންމާ ނަގަންޖެހޭ ކަމަށް ބުނެ އެކްޓަރާ ދެކޮޅަށް މައްސަލަ ހުށަހެޅި ނަމަވެސް އެ ހާދިސާއާ ތެލުގޫ އެކްޓަރާ އެއްވެސް ގުޅުމެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބާސްކަރު ވަނީ ބުނެފައެވެ.
އައްލޫ އަރުޖުން ޚާއްސަ ކަފާލާތުގެ ދަށުން ދޫކޮށްލާފައި ވަނީ 'ޕާސަނަލް ބެއިލް ބޮންޑް'ގެ ދަށުން 50،000 އިންޑިއާ ރުޕީސް ކޯޓަށް ދެއްކުމުން ކަމަށް ރިޕޯޓުތައް ބުނެއެވެ. ސައުތު ސިނަމާގެ މަޝްހޫރު އެކްޓަރު ހައްޔަރުކުރުމުގެ ކޯޓު އަމުރެއް ނެރެ ހަތަރު ހަފުތާއަށް އައްލޫ އަރުޖުން ޖަލުގައި ބެހެއްޓުމަށް ނިންމުމާ އެކު އިންޑިއާގެ ވަރަށް ގިނަ ފިލްމީ ތަރިން ވެސް ވަނީ އެކަމާ ދެކޮޅަށް އަޑު އުފުލާފާއެވެ.