މި ސަރުކާރުން މެލޭޝިއާގެ ކުންފުންޏަކަށް ބަދަލުގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ދޭން ނިންމައި، ކޮންޓްރެކްޓު ހަދައިގެން އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިދިކޮޅު އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ރޭ ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި ނާޒިލް ވިދާޅުވީ، މެލޭޝިއާގެ ކުންފުންޏަކަށް ބަދަލުގެ ގޮތުގައި 6.9 ބިލިއަން ރުފިޔާ ދިނުމަށް މި ސަރުކާރުން ނިންމައިގެން އެކަމުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.
"ކުރީގައި ދީފައި ހުރި ހުރިހާ ބަދަލެއް އެއްކޮށްލީމާ އެކި ދުވަސްވަރުގައި 10 އަހަރު ވަންދެން ދީފައި ހުރި ބަދަލުތައް ވިޔަސް އެ ހުރިހާ އެއްޗެއް އެއްކޮށްލީމަ ވެސް މި ބުނާ 6.9 ބިލިއަން ރުފިޔާއާ ހިސާބަށް މިވީތަނަށް ނެތް ބަދަލު ދެވިފަކާއެއް،" އޭނާ ވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ، އެ ބަދަލު ދެނީ ރާއްޖޭގެ ބޯޑާ ސިސްޓަމް ބެލެހެއްޓުމަށް ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ވެރިކަމުގައި ހަވާލުކުރި ކޮންޓްރެކްޓެއް ބާތިލްކޮށްފައި އޮތުމުން ކަމަށެވެ.
އެ މައްސަލައިގައި އެ ކުންފުނިން މިދިޔަ އެމްޑީޕީ ސަރުކާރަށް ސިޓީއެއް ފޮނުވި ކަމަށް ނާޒިލް ވިދާޅުވިއެވެ. އެ ސިޓީގައި އެ ކުންފުނިން ލަފާކޮށްފައި އޮތީ، ބަދަލުގެ ގޮތުގައި ތިން ލައްކަ ޑޮލަރު ވަރު ދޭން ޖެހިދަނާ ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ސިޓީ ހިފައިގެން، އެ ސިޓީއާ އެކީގައި 6.9 ބިލިއަން ރުފިޔާގެ އެއްބަސްވުމެއްގައި އެ ސޮއިކުރީ. ތިން ލައްކަ ޑޮލަރު ދޭން ޖެހިދާނެ. އަދި ބަލާލީމާ ދޭން ޖެހެނީ ކޯއްޗެއް ކަމެއް ވެސް ނޭނގެ. 15،000 ވަރަކަށް ރުފިޔާ އިން ވެސް ނިންމާލެވިދާނެ. އެއީ ސިޓީ ލިޔުނު މީހާއަށް ދޭން ޖެހޭ ވަރު. އިތުރު އެއްޗެއް ދޭކަށް ނުޖެހޭނެ.އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް
ނާޒިލް ވިދާޅުވީ، ބަދަލުގެ ގޮތުގައި ދޭން ޖެހޭނެ ކަމަށް ލަފާކޮށްފައި އޮތް އަދަދާ ޚިލާފަށް ބޮޑު އަދަދެއް ދޭން މި ސަރުކާރުން ނިންމާފައިވަނީ އެއްވެސް ޝަރުއީ މަރުހަލާއެއް ކަޑަތުކުރުމެއް ނެތި ކަމަށާއި އެ ކަމަކީ އެ ޕާޓީން ބަލާނެ ކަމެއް ކަމަށެވެ.
އެގޮތުން، އެކަން ހިނގައި ދިޔަ ގޮތާއި ކުށްވެރިވަނީ ކާކުތޯއާއި އެ ފައިސާގެ މަންފާކުރީ ކާކަށްކަން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިލް އެހެން ވިދާޅުވިއިރު، މީގެ ކުރިން އޮތް އެމްޑީޕީ ސަރުކާރުގައި ގެއްލުމުގެ ބަދަލުގައި ބައެއް ފަރާތްތަކަށް ބަދަލުދިން ގޮތް ބެލުމަށް އަންގަން ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.
މަޖިލީހުން ފާސްކޮށްފައިވަނީ، އެ ސަރުކާރުން ބަދަލު ދިން ގޮތުން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަލީ ޝިޔާމްގެ މައްސަލަ ބަލައި ތަހުގީގެއް ހިންގައި، ދައުވާކުރަން ޖެހިއްޖެ ހާލަތެއްގައި ދައުވާކުރުމަށް, ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް އެންގުމަށެވެ.
މިދިޔަ ސަރުކާރުން އެކި ކުންފުނިތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 1.6 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.
އަމިއްލަ ފަރާތަކާއި ސަރުކާރާ ދެމެދު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކޮށް، ގެއްލުމުގެ ބަދަލުދިނުމަށް އުފެއްދި ސެޓްލްމެންޓް ކޮމިޓީ މިދިޔަ އަހަރުގެ ނޮވެމްބަރު 21ގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އުވައިލައްވައިފައެވެ.