ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ ފިލްމު "ޕުޝްޕާ 2"ގެ މުހިއްމު ރޯލްއިން ފެންނަ ސައުތު އެކްޓަރު ފަހަދު ފާސިލް ބޮލީވުޑަށް ތައާރަފްވާ ފުރަތަމަ ފިލްމުގެ ޑައިރެކްޓަރަކީ އިމްތިޔާޒު އަލީ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ޑައިރެކްޓް ކޮށްފައިވާ އިމްތިޔާޒު އަލީ އުފައްދަން ތައްޔާރު ވަމުން އަންނަ ފިލްމުގެ ނަމަކީ "އިޑިއަޓްސް އޮފް އިސްތަންބޫލް" ކަމަށް ފިލްމީ ޚަބަރުތަކުން ވަނީ ބުނެފައެވެ. ވަރަށް ތަފާތު ލޯބީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ މި ފިލްމުން ފަހަދުއާ އެކު ބަތަލާގެ ރޯލްއިން ފެންނާނީ ބޮލީވުޑްގެ އެންމެ ޑިމާންޑު ބޮޑު ބަތަލާއިންގެ ތެރޭ މިހާރު ހިމެނޭ ތުރިޕްތީ ދިމްރީ ކަމަށް ވެސް ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ވަނީ ބުނެފައެވެ.
އިމްތިއާޒް އަލީގެ ފިލްމު ކުންފުނި ވިންޑޯ ސީޓް ފިލްމްސްއިން ގެނެސްދޭން ނިންމާފައިވާ މި ފިލްމުގެ ސްކްރިޕްޓު ފައިނަލް ކުރުމުގެ މަރުހަލާ ކުރިއަށްދާއިރު މި ފިލްމުގެ މަސައްކަތް ފެށޭ އަހަރުގެ ފުރަތަމަ ހަ މަސް ދުވަސްތެރޭ ފަށާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމުގެ މަސައްކަތް ފެށޭތާ ތިން މަސް ދުވަސްތެރޭ ފިލްމުގެ ޝޫޓިންގް ނިންމާލަން ތާވަލު ކުރެވިފައިވާއިރު ފިލްމާ ބެހޭގޮތުން ރަސްމީ ސިފައެއްގައި މިހާތަނަށް އެއްވެސް ފަރާތަކުން ވާހަކަ ދައްކާފައެއް ނުވެއެވެ.
ނަމަވެސް ފިލްމީ ޚަބަރުތަކުން ބުނެފައިވާ ގޮތުގައި މި ފިލްމުގެ ބަތަލާގެ ރޯލަށް ތުރިޕްތީ ކަނޑައެޅިފައިވާކަން ވަނީ ކަށަވަރުވެފައެވެ. މި އަހަރު ނެޓްފްލިކްސްއިން ގެނެސްދިން ފިލްމު "ޗަމްކީލާ"ގެ ޑައިރެކްޓަރު އިމްތިޔާޒުގެ ކެރިއަރުގެ މަގުބޫލު ފިލްމުތަކުގެތެރޭ "ޖަބް ވީ މެޓް"، "ރޮކް ސްޓާ" އަދި "ލަވް އާޖް ކަލް" ހިމެނެއެވެ.