އިންޑިއާގެ ސެލްބްރިޓީންގެ ތެރެއިން ބައެއް ތަރިންނަކީ ފުޅާ ދާއިރާއެއްގައި ބޮޑު ވިޔަފާރިތައް ހިންގާ މީހުންނަށް ނުވިޔަސް ސަރުކާރަށް ޓެކްސްގެ ގޮތުގައި ވަރަށް ގިނަ އަދަދެއްގެ ފައިސާ ދައްކާ ބައެކެވެ.
ފިލްމު އިންޑަސްޓްރީގެ އިތުރުން ކުޅިވަރުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުންނަކީ ވެސް ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ބަޔަކަށް ވުމުން ޓެކްސްގެ ގޮތުގައި އެތައް ކްރޯޑު ރުޕީސްއެއް މި ފަރާތްތަކުން ސަރުކާރަށް ދައްކައެވެ.
އެގޮތުން އިންޑިއާގައި އެންމެ ބޮޑު ޓެކްސް ދައްކާ އެކްޓަރު ވަނީ މިދިޔަ އަހަރު އެކަނި ވެސް ޓެކްސްގެ ގޮތުގައި 92 ކްރޯޑު ރުޕީސް (11.04 މިލިއަން އެމެރިކާ ޑޮލަރު)ގެ ފައިސާ ދައްކާފައެވެ. މިދިޔަ އަހަރުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ބޮޑު އަދަދުން ޓެކްސް ދެއްކި ފިލްމީ ތަރިންގެ ލިސްޓެއް ފޯޗުން އިންޑިއާއިން ނެރުނުއިރު މި ލިސްޓުގެ އެންމެ ކުރިން ޖާގަ ހޯދި އެކްޓަރަކީ، ބޮލީވުޑްގެ ކިންގް ޚާން ޝާހްރުކް ޚާންއެވެ.
މިދިޔަ އަހަރު ރިލީޒްވި ޝާހުގެ ފިލްމުތަކަށް ބޮކްސް އޮފީހުގައި ލިބުނު އާމްދަނީގެ އަދަދު 2600 ކްރޯޑު ރުޕީސް (31 މިލިއަން ޑޮލަރަށް) އަރާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފޯޗުން އިންޑިއާގައި ބުނެފައިވާ ގޮތުގައި ބޮލީވުޑްގެ އެންމެ މަގުބޫލު އެކްޓަރަށް ފަހު ދެން އެންމެ ބޮޑު އަދަދެއް ޓެކްސްގެ ގޮތުގައި ދެއްކި އެކްޓަރަކީ ތަމަޅަ އެކްޓަރު ވިޖޭ ތަލަޕަތީއެވެ. ތަލަޕަތީގެ ނަމުން މަޝްހޫރު އެކްޓަރު ޓެކްސްގެ ގޮތުގައި 80 ކްރޯޑު ރުޕީސް (9.6 މިލިއަން ޑޮލަރު) ސަރުކާރަށް ދެއްކިއިރު ދެން އެންމެ ބޮޑު އަދަދެއްގެ ޓެކްސް ދެއްކި އެކްޓަރުންނަކީ ސަލްމާން ޚާން އަދި އަމީތާބް ބައްޗަންއެވެ.
މި ފިލްމީތަރިންގެ އިތުރުން އިންޑިއާގެ ކުރިކެޓް ކުޅުންތެރިޔާ ވިރާޓު ކޮލީ ވެސް ވަނީ ސަރުކާރަށް ޓެކްސްގެ ގޮތުގައި ވަރަށް ބޮޑު އަދަދެއް ދައްކާފައެވެ. އެންމެ ބޮޑު ޓެކްސް ދައްކާ އެކްޓަރުގެ މަގާމު ޝާހުއަށް ލިބިފައި މިވަނީ އަހަރު ތަކަކަށް ފަހުއެވެ.