ބަންދަށް ފަސް ދުވަސް ޖެހި ދެ ޑްރައިވަރުންގެ އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފި

ކޯޓުން ބަންދަށް މުއްދަތު ޖެހި ދެ ޑްރައިވަރުން: އެ މީހުންގެ މައްސަލަ ހައި ކޯޓުގައި ވަނީ އިސްތިއުނާފު ކޮށްފައި ---- ފޮޓޯ/ ފުލުހުން

ރޭ ހުޅުމާލޭގައި ޓެކްސީ ޑްރައިވަރުން ކުރި އިހުތިޖާޖުގެ ތެރެއިން ބަންދަށް ފަސް ދުވަސް ޖެހި ދެ ޑްރައިވަރުންގެ ބަންދު އަމުރު ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

އިއްޔެ އިރުއޮއްސުނު ވަގުތުން ފެށިގެން ޓެކްސީ ޑްރައިވަރުން ވަނީ ހުޅުމާލޭގައި އިހުތިޖާޖުކޮށްފައެވެ. އެއީ ސަރުކާރަށް އަހަރުވީއިރު، އެ މީހުންގެ ކަންބޮޑުވުންތަކަށް އެއްވެސް ހައްލެއް ގެނެސްދީފައިނުވާ ކަމަށް ބުނެއެވެ.

އިހުތިޖާޖު ހޫނުވީ، އެ ޑްރައިވަރުންގެ ޑިމާންޑުތަކަށް ޖަވާބެއް ލިބުމެއް ނެތި ގިނައިރުވެ، ހުޅުމާލެއިން ހައިވޭއަށް އެރެން އޮންނަ މަގު ޑްރައިވަރުން ބަންދުކުރުމުންނެވެ. އެއާއެކު ޓްރެފިކް ބްލޮކްވެ، މުޅި ސަރަހައްދު ތޮއްޖެހުނެވެ.

މައްސާލަގައި ހައްޔަރުކުރި ތިން މީހުން ---- ފޮޓޯ/ ފުލުހުން

https://sun.mv/200163

މި މައްސަލައިގައި ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ:

  • މުޙައްމަދު ޝާމިން، 39އ، މއ. ވިރާހު،
  • އަހުމަދު ޝަބީން، 33އ، ސަންރޭ، ލ. ދަނބިދޫ
  • ނުއުމާން އަހުމަދު، 36އ، ހޮލިޑޭވިލެޖް، ހދ. ކުމުންދޫ

އޭގެ ތެރެއިން ޝާމިން އާއި ޝަބީން ފަސް ދުވަހު ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމުކުރިއެވެ. ނަމަވެސް ނުއުމާން ވަނީ ޝަރުތުތަކާއެކު ދޫކޮށްލައިފައެވެ.

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގެ ތެރެއިން: އެ އިހުތާޖާ ގުޅުވައި ހައްޔަރުކޮށް ބަންދު ޖެހި ދެ ޑްރައިވަރުންގެ މައްސަލަ ވަނީ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައި ---- ސަން ފޮޓޯ/ ނާއިޝް ނާހިދު

މި ކަމާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ އައިކު އަހުމަދު އީސާ 'ސަން'އަށް ވިދާޅުވީ، ހައްޔަރުކުރި ތިން ޑްރައިވަރުންނަށް އެމްޑީޕީން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި ކޮންމެ ޑްރަވަރަކަށް ވަކިން ވަކީލަކު އެ ޕާޓީން ހަމަޖައްސާދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ޝާމިންއާއި ޝަބީންގެ ބަންދުގެ މައްސަލަ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި، އެކަށީގެންވާ ވަރަށް ހެއްކެއް މި މައްސަލައަކުއެއް ނެތް. ބަންދުގައި ބަހައްޓަން ޖެހޭ، މުއްދަތު ޖަހަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް އަޅުގަނޑުމެން ގަބޫލު ކުރެވޭ،" ޝާމިންގެ ވަކީލުކަން ކުރައްވާ އައިކު ވިދާޅުވިއެވެ.

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގެ ތެރެއިން: އެ މައްސަލާގައި ބަންދު ޖެހި ޑްރައިވަރުންގެ މުއްދަތުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް އެ ޑްރައިވަރުންގެ ގާނޫނީ ވަކީލަކު ވަނީ ވިދާޅުވެފައި --- ސަން ފޮޓޯ/ ނާއިޝް ނާހިދު

މި މައްސަލައިގައި ދެ ޑްރައިވަރުން ބަންދުގައި ބަހައްޓަން ޖެހޭ ކަމަށް ގަބޫލުނުކުރަނީ އެއީ ކުށުގެ ވެށީގައި އުޅޭ ބަޔަކަށް ނުވާތީ ކަމަށާއި ޓޯކުރި ކާރުތަކުގެ ގެއްލުމުގެ ބަދަލު ހޯދަން ޑްރައިވަރުންގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅަން ތައްޔާރު ވަމުން އަންނަ ކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައިގައި 22 ޓެކްސީ ޓޯކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ނަމަވެސް، އިތުރު ކާރެއް މިއަދު ޓޯކުރި ކަމަށް އައިކު ވަނީ ވިދާޅުވެފައެވެ.

ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގައި ގޮލާވާފައިވާ ބައެއް ކަންތައްތަކުގެ ތެރޭގައި:

  • ސަރުކާރުން ޓެކްސީ ފްލީޓު ވުޖޫދަށް ނުގެންނާނެ ކަމަށް އިއުލާން ކުރުން
  • ވޭން ދަތުރުގެ އަގުތައް ކުރިން އޮތް ގޮތަށް ބަދަލުކުރުން
  • މާލެ އަދި އެއާޕޯޓުގެ ޓްރެފިކް ފްލޯ ފަސޭހަވާނެ ގޮތަށް ހެދުން
  • ފަސޭހައިން ދަތުރު ނެގޭނެ މާހައުލެއް ފަހިކޮށްދިނުން
  • ޓެކްސީ ޑްރައިވަރުންގެ ދަފްތަރު އަލުން ހުޅުވައިލުން
  • މާލޭގައި ޕާކު ކުރެވޭނެ ނިޒާމެއް ގާއިމްކުރުން

ސަރުކާރުން ޓެކްސީގެ ޚިދުމަތް ފަށަން ނިންމުމާއި، ޕާކު ކުރާނެ ޖާގަ ނުދައްކައި ވެހިކަލް ޓޯކުރާ މައްސަލައިގައި ވެސް މިދިޔަ އޮގަސްޓު މަހު ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރިއެވެ. އެ އިހުތިޖާޖު ނިންމައިލީ، ޑްރައިވަރުންނަށް ގެއްލުން ނުވާނެ ކަމުގެ ޔަގީންކަން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ދެއްވުމުންނެވެ.

comment ކޮމެންޓް