ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުގައި މާލީ ދަތިކަމެއް ހުރިނަމަ، އާމްދަނީގެ 20 ޕަސެންޓަށް ވުރެ މަދުން ޑޮލަރު މާރުކުރުމުގެ އިޚުތިޔާރު ދީ ބޭރު ފައިސާއާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބޭރު ފައިސާއާ ބެހޭ ބިލު ހުށަހެޅީ ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު ރާއްޖޭގެ ބޭންކަކުން މާރުކުރުން ނުވަތަ ލިބޭ އާމްދަނީގެ 20 ޕަސެންޓް މާރު ކުރަން ޖެހޭ ގޮތަށް, އިޚުތިޔާރު ދީފައެވެ.
ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ.
މި ބިލު ފާސްކުރީ 56 މެމްބަރުންގެ ވޯޓާއެކުއެވެ. މި ބިލާ ދެކޮޅަށް ވޯޓުދެއްވީ 11 މެމްބަރުންނެވެ.
ބިލު ފާސްކޮށްފައި ވަނީ މާލިއްޔަތު ކޮމިޓީން ގެނައި ބައެއް ބަދަލުތަކާއެކުއެވެ. އެ ބަދަލުތަކަކީ:
- 10 އަހަރުން ދަށުގެ ކުދިން އަތުން ޑޮލަރު މާރުކުރަން ނުޖެހޭ ގޮތަށް އޮތް އޮތުން 12 އަހަރުން ދަށަށް ބަދަލުކުރުން.
- ރިސޯޓަކަށް މާލީ ދަތިކަމެއް ދިމާވެއްޖެ ހާލަތުގައި 20 ޕަސެންޓަށްވުރެ މަދުން މާރުކުރަން އިޚުތިޔާރު ދިނުން. އެހެންނަމަވެސް ލުއި ދެވޭނީ އެކަން އެމްއެމްއޭއިން ރިވިއުކުރުމަށްފަހު ކަމަށް އިސްލާހުގައިވޭ.
ފާހަގަކޮށްލެވޭ ގޮތުގައި ބޭރު ފައިސާއާ ބެހޭ ބިލުގެ މަސައްކަތް ކޮމިޓީން ނިންމާފައި ވަނީ އެއް ދުވަސްތެރޭގައެވެ.
ބިލު ހުށަހެޅުމުގެ މަގުސަދަކީ ރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭ މުއާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ރާއްޖެއަށް އެތެރެކުރުމާއި، ބޭރުކުރުމާއި، ބޭރު ފައިސާ ރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މަނާކުރުމާ ބެހޭ އުސޫލުތައް ކަނޑައެޅުމެވެ. އަދި އެނޫންވެސް ބޭރު ފައިސާއާ ބެހޭ މުއާމަލާތްތަކާ ގުޅޭ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި ހިންގުމަށް ބޭނުންވާނޭ ކަމާބެހޭ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުމެވެ.
ރިސޯޓްތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އެމްއެމްއޭގެ ގަވާއިދުގައި މަޖުބޫރު ކުރުމުން ޓޫރިޒަމް އިންޑަސްޓްރީގެ އިސް ބޭފުޅުން ވަނީ އެ ގަވާއިދަށް އަމަލު ކުރެވެން ނެތް ކަމަށް ބުނެފައެވެ. އެއީ އެ ގަވާއިދު އޭރު އޮތްގޮތުން ނުލިބޭ އާމްދަނީއެއް ބޭންކަށް މާރު ކުރަން ޖެހޭ ކަމަށް ވިދާޅުވެއެވެ.
މި މައްސަލައިގައި ވިޔަފާރިވެރިންނާއި ސަރުކާރާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައި ވަނިކޮށް މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އެ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ޖެހޭނީ 500 ޑޮލަރު މާރު ކުރަން ކަމަށް ރައީސް ވިދާޅުވިއެވެ.
އެފަދައިން އެކަމިނުފާނު ވިދާޅުވެފައި އޮއްވާ، ބޭރު ފައިސާއާ ބެހޭ ބިލު މަޖިލީހަށް ހުށަހެޅީ މި ހަފުތާގެ ހޯމަ ދުވަހުއެވެ.
ބިލުގައި ހިމަނާފައިވާ އިތުރު ކަންތައްތައް
މި ބިލުގައި ވާގޮތުގައި ޓޫރިސްޓުންނަށް ޚިދުމަތް ދޭ ތަންތަން ވަނީ ގިންތިތަކަށް ބަހާލާފައެވެ. އެއީ "ކެޓެގަރީ-އޭ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" އަދި "ކެޓެގަރީ-ބީ ޓޫރިޒަމް އެސްޓެބްލިޝްމަންޓް" އެވެ.
ކެޓެގަރީ-އޭގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ރިޒޯޓުތަކާއި، އިންޓަގްރޭޓަޑް ޓޫރިސްޓް ރިޒޯޓުތަކާއި، ޕްރައިވެޓް އައިލެންޑްތަކާއި އެނޫންވެސް ތަންތަނެވެ. މި ކެޓަގަރީން ހިދުމަތްދޭ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު މާރުކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި އެ އެސްޓެބްލިޝްމަންޓަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެއެވެ.
ކެޓެގަރީ-ބީގައި ހިމެނެނީ ރަޖިސްޓަރީކޮށްފައިވާ ޓޫރިސްޓް އުޅަނދުތަކާއި، ޓޫރިސްޓް ހޮޓާތަކުގެ އިތުރުން ޓޫރިސްޓް ގެސްޓްހައުސްތަކެވެ. މި ކެޓަގަރީން ހިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 25 އެމެރިކާ ޑޮލަރު މާރުކުރަންޖެހެއެވެ. ނުވަތަ މަހެއްގެ ތެރޭގައި ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 20 ޕަސެންޓް މާރުކުރަންޖެހެއެވެ.