6 ދުވަހުން 'ޕުޝްޕާ 2' އަށް 120 މިލިއަން ޑޮލަރު، ރިކޯޑެއް

ފިލްމު 'ޕުޝްޕާ 2'ގެ ތަރިން ކަމަށްވާ އައްލޫ އަރުޖުން އަދި ރަޝްމިކާ--ފޮޓޯ/ޕިންކްވިލާ

މިދިޔަ ބުރާސްފަތު ދުވަހު ސިނަމާތަކުގައި ރިލީޒްކުރި ތެލުގޫ ފިލްމު "ޕުޝްޕާ 2" ރިލީޒްކުރިތާ އެންމެ ހަ ދުވަސް ތެރޭ ފިލްމަށް ލިބުނު އާމްދަނީގެ އަގު 1000 ކުރޯޑު ރުޕީސް (120 މިލިއަން އެމެރިކާ ޑޮލަރަށް) އަރައިފިއެވެ.

މިއީ މިހާތަނަށް ބޮކްސް އޮފީހުގައި ފިލްމު ރިލީޒްކުރިތާ ހަ ދުވަސްތެރޭ މިހާ ބޮޑު އާމްދަނީއެއް ފިލްމަކަށް ލިބުނު ފުރަތަމަ ފަހަރެވެ. މި އާމްދަނީއަކީ އިންޑިއާގެ އިތުރުން ބޭރު ޤައުމުތަކުގައި ފިލްމު ދައްކައިގެން މިހާތަނަށް ލިބުނު އާމްދަނީގެ އަދަދެވެ.

މި ފިލްމުގެ ރަސްމީ އެކްސް އެކައުންޓުގައި ބުނެފައިވާ ގޮތުން "ޕުޝްޕާ 2" ރިލީޒްކުރިތާ ފަސް ދުވަސްތެރޭ ފިލްމަށް ލިބުނު ޖުމްލަ އާމްދަނީގެ އަދަދު 922 ކްރޯޑު ރުޕީސް (110.64 އެމެރިކާ ޑޮލަރަށް) އެރިއިރު މިއީ ވެސް މިހާތަނަށް ބޮކްސް އޮފީހުގައި މިފަދަ ރެކޯޑެއް ޤާއިމުކުރި ފުރަތަމަ ފިލްމެވެ.

ފިލްމު 'ޕުޝްޕާ 2'ގެ ޓްރެއިލާ ލޯންޗުކުރި އިވެންޓަށް ގިނަ ބަޔަކު ހާޒިރުވެފައި--ފޮޓޯ/ޕިންކްވިލާ

މިހާތަނަށް ބޮކްސް އޮފީހުގައި 1000 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ހޯދި ފިލްމުގެ ރިކޯޑު އޮތް ފިލްމުތަކުގެ ތެރޭ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ ދެ ފިލްމު ކަމަށްވާ "ބާހޫބަލީ 2: ދަ ކޮންކްލޫޝަން" އަދި "އާރްއާރްއާރް" ހިމެނޭއިރު މި ފަހުން މި ރިކޯޑު ގާއިމުކުރި ދެ ފިލްމަކީ ތެލުގޫ ޑައިރެކްޓަރު ޕްރަޝާންތު ނީލްގެ ފިލްމު "ކޭޖީއެފް"ޗެޕްޓަ 2" އަދި ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ"އެވެ.

ނަމަވެސް، މި ފިލްމުތަކުގެ ތެރެއިން 1000 ކްރޯޑު ރުޕީސް އެންމެ އަވަހަށް ވެސް ލިބިފައިވަނީ 10 ދުވަސް ތެރޭ ފިލްމު "ބާހޫބަލީ 2"އަށެވެ. އެހެންކަމުން މި ހުރިހާ ފިލްމުތައް ފަހަތަށް ޖައްސާލުމަށް ފަހު އެންމެ ހަލުވިކަމާ އެކު 1000 ކްރޯޑުގެ އާމްދަނީ ހޯދި ފިލްމަށް "ޕުޝްޕާ 2" ވަނީ ވެފައެވެ.

ތެލުގޫ އެކްޓަރު އައްލޫ އަރުޖުން އަދި ބަތަލާ ރަޝްމިކާ މަންދަންނާ މުހިއްމު ރޯލެއް ކުޅެފައިވާ މި ފިލްމުން ސައުތު ސިނަމާގައި މަގުބޫލުވަމުން އަންނަ އެކްޓަރު ފަހަދު ފާސިލު ވެސް ފެންނާނެއެވެ. މި ފިލްމަކީ 2021 ވަނަ އަހަރު ރިލީޒްކޮށް ބޮޑު ކާމިޔާބީއެއް ބޮކްސް އޮފީހުގައި ހޯދި ފިލްމު "ޕުޝްޕާ: ދަ ރައިޒް"ގެ ދެވަނަ ފިލްމެވެ.

comment ކޮމެންޓް