އެޕަލްގެ ސީރީ އެސިސްޓެންޓް ތަރައްޤީކުރުން ލަސްވުމާއި ގުޅިގެން އެ ކުންފުނީގެ އިސް ވެރިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެޕަލް އިންކޯޕަރޭޓެޑްގެ ސީރީ ވާޗުއަލް އެސިސްޓެންޓް ބަލަހައްޓާ އިސް އެގްޒެކެޓިވް ރޮބީ ވޯކާ ވަނީ މުހިންމު ފީޗާތައް ނެރުމުގައި ދިމާވެފައިވާ ލަސްވުންތަކަކީ ހިތްދަތި އަދި ލަދުވެތި ކަމެއް ކަމަށް ބުނެފައެވެ.
އަދި މި ޓެކްނޮލޮޖީ ތައްޔާރުވުމުގެ ކުރިން އާންމުކޮށް ޕްރޮމޯޓްކުރުމުގެ ނިންމުމަކީ ކަންތައްތައް އިތުރަށް ގޯސްވެގެން ދިޔަ ސަބަބެއް ކަމަށްވެސް ބުނެފައިވެއެވެ.
ސީރީ ޑިވިޝަންގެ މުވައްޒަފުންނާ މުޚާތަބުކޮށް ބޭއްވުނު ބައްދަލުވުމެއްގައި ވޯކާވަނީ މި ޓީމް މި ވަގުތު އޮތީ ވަރަށް ނުބައި ފައްތަރެއްގައި ކަމަށް ބުނެފައެވެ. އަދި މި އިތުރުކުރެވޭ ފީޗަރތައް ނެރެވޭނެ ވަކި ތާރީޚެއް ނޭނގޭ ކަމަށްވެސް ބުނެފައިވެއެވެ.
މި ބައްދަލުވުމުގައި ވޯކާ ވަނީ އޭނާގެ ޓީމުގެ މުވައްޒަފުން ރުޅިއައިސް، ހިތްހަމަނުޖެހި، ވަރުބަލިވެ އަދި ލަދުގަތުމަކީ އެކަށީގެންވާ ކަމެއްކަމަށް ބުނެފައެވެ. ނަމަވެސް، ޓީމުން ވަނީ ވަރަށް ފާހަގަކޮށްލެވޭ ފީޗާތަކެއް ތަރައްޤީކޮށްފައިވާ ކަމަށާއި، ސިނާއަތުގައި އެންމެ ކުރީ ސަފުގައި ހުންުންނާނެ ވާޗުއަލް އެސިސްޓެންޓެއް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ކަމަށް އޭނާ ވަނީ ވައުދުވެފައެވެ.
މި ކަންތައްތަކުން ދައްކުވައިދެނީ އާޓިފިޝަލް އިންޓެލިޖެންސްގެ ދާއިރާގައި އެޕަލްއަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ބޮޑުކަމެވެ. އެހެން ކުންފުނިތަކާ އަޅާބަލާއިރު ސީރީއަކީ މާ ކުރިއަރާފައިވާ ސިސްޓަމެއް ނޫންކަން ފާހަގަކުރެވެއެވެ.
އެޕަލް އިންކޯޕަރޭޓެޑްއަކީ ދުނިޔޭގެ އެންމެ އަގުބޮޑު ޓެކްނޮލޮޖީ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުންޏެވެ. 1976 ވަނަ އަހަރު އުފެއްދުނު މި ކުންފުނިން ވަނީ އައިފޯން، އައިޕެޑް، މެކް ކޮމްޕިއުޓަރު ފަދަ އުފެއްދުންތަކުން ދުނިޔެ ބަދަލުކޮށްލާފައެވެ.