"ރިވިއު ސަމަރީސް"ގެ ނަމުގައި އޭއައި ފީޗާއެއް އެޕްސްޓޯރަށް އިތުރުކޮށްފި

އައިފޯން ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށް އެޕަލްއިން ތަޢާރަފްކުރި އައިއޯއެސް 18.4 ބީޓާ-2 އަޕްޑޭޓާއެކު އެޕަލްގެ އެޕްސްޓޯރަށް "ރިވިއު ސަމަރީސް" ނަމަކަށް ކިޔާ އާ ފީޗާއެއް ތަޢާރަފްކޮށްފިއެވެ.

މި ފީޗާގެ ސަބަބުން އެޕްސްޓޯރުން އެޕްތަކާއި ގޭމްތަކުގެ ރިވިއުތައް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ޚުލާސާކޮށްދެއެވެ. މި ޚުލާސާތައް ތައްޔާރުކުރުމަށް ބޮޑެތި ލޭންގުއޭޖް މޮޑެލްތައް ބޭނުންކުރެވޭކަމަށް އެޕަލްއިން ބުނެފައިވެއެވެ.

މި އާ ޓެކްނޮލޮޖީގެ ސަބަބުން ޔޫޒަރުންނަށް ވަގުތު ސަލާމަތްކުރެވި، އެޕް ނުވަތަ ގޭމްގެ ފެންވަރާމެދު އަވަހަށް ނިންމުމަކަށް އައުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ގަޑިއިރުތަކެއްގެ ވަގުތު ހޭދަކޮށް ވަކިވަކި ރިވިއުތައް ކިޔަން ޖެހުމުގެ ބަދަލުގައި ޚުލާސާއެއް ބަލައިލައިގެން އެޕް ގަތުމުގެ ނިންމުމަށް ވާސިލްވެވޭނެއެވެ.

ރިވިއު ސަމަރީސް ހަފްތާއަކު އެއްފަހަރު އަޕްޑޭޓްކުރުމަށް ހަމަޖެހިފައިވީނަމަވެސް، މި ފީޗާ މި ވަގުތު ލިބެނީ ފުދޭވަރެއްގެ ރިވިއު ހުރި ވަކި އެޕްތަކަކަށް އެކަނިކަން ފާހަގަކޮށްފައިވެއެވެ. އަދި މި ވަގުތު މި ޚިދުމަތް ލިބޭނީ އިނގިރޭސި ބަހުން އެމެރިކާގައި އެކަނި ކަމަށް ވެސް އެޕަލް އިން ބުނެފައިވެއެވެ.

ނަމަވެސް އަހަރު ނިމުމުގެ ކުރިން މި ޚިދުމަތް އިތުރު ބަސްތަކަށާއި އިތުރު ގައުމުތަކަށް ފުޅާކުރެވިގެންދާނެކަމަށް އެޕަލްއިން ވަނީ ހާމަކޮށްފައެވެ. އަދި އެކަށީގެންވާ ވަރަށް ރިވިއު ލިބިފައިވާ ހުރިހާ އެޕްތަކަކަށް ވެސް މި ޚިދުމަތް ފޯރުކޮށްދެވޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

މި ފީޗާ ލިބޭނީ އެޕަލް އިންޓެލިޖެންސް ލިބޭ ޑިވައިސްތަކަށް އެކަނިކަން ފާހަގަކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ އައިފޯން 15 ޕްރޯ މޮޑެލްތަކާއި އޭގެ ފަހުގެ މޮޑެލްތަކެވެ. މިއީ އެޕަލްގެ އެންމެ ފަހުގެ އާޓިފިޝަލް އިންޓެލިޖެންސް ސިސްޓަމްތަކުގެ ތެރެއިން އެއް ސިސްޓަމެވެ.

މީގެއިތުރުން، މި އަޕްޑޭޓާއެކު އެޕްސްޓޯރުގައި ނެޗުރަލް ލޭންގުއޭޖް ސާޗުގެ ޤާބިލިއްޔަތު ވެސް އިތުރުކުރެވިފައިވެއެވެ. މި ފީޗާގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް ވަކި ޢިބާރާތްތަކުން އެޕްތަކާއި ގޭމްތައް ފަސޭހައިން ހޯދިދާނެއެވެ. މިސާލަކަށް "ފޮޓޯ އެޑިޓްކުރެވޭ އެޕެއް" މިފަދައިން ސާޗުކުރުމުން އޭއައި ހުރިހާ ގުޅުންހުރި ފޮޓޯ އެޑިޓިން އެޕްތަކެއް ދައްކާނެއެވެ.

މި ބަދަލުތަކުގެ ސަބަބުން ޓެކްނޮލޮޖީގެ ދާއިރާގައި އަށަގަންނަމުންދާ އާޓިފިޝަލް އިންޓެލިޖެންސް ކުރިއެރުންތަކުގައި އެޕަލް ވެސް ޝާމިލްވަމުންދާކަން ސާފުވެގެންދެއެވެ.

މިފަދަ ފީޗާތަކުގެ ސަބަބުން އައިފޯން ބޭނުންކުރާ ފަރާތްތަކަށް ފަސޭހަކަމާއި ޚަރަދު ކުޑަކޮށް ގިނަ ކަންކަން ކުރެވޭނެކަން ކަށަވަރެވެ.

comment ކޮމެންޓް