ވައިން ހަކަތަ އުފައްދާ ނިޒާމެއްގެ ޕައިލެޓް މަޝްރޫއެއް ނ. މަނަދޫގައި ގާއިމްކުރާނެ ފަރާތެއް ހޯދުމަށް ފިނޭންސް މިނިސްޓްރީއިން ބީލަމަށް ހުޅުވާލައިފިއެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މި މަޝްރޫއަކީ ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގަމުންދާ އެކްސެލެރޭޓިން ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިން ރިނިއުބަލް އެނާޖީ (އެޝުއާ) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެއް ކަަމަށެވެ.
އެހެންކަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ބޭނުމަށް ވިންޑް ރިނިއުބަލް އެނާޖީގެ ޕައިލެޓް ސިސްޓަމް މަނަދޫގައި ގާއިމުކުރުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު އެކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ މި ޕްރޮޖެކްޓަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ މަތިން އޭޑީބީގެ ސިންގަލް ސްޓޭޖް ޓޫ އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އެހެންކަމުން ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުތުތައް ބިޑިން ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީއިން ބުނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި 1,500 ރުފިޔާ ނުވަތަ 100 ޔޫއެސް ޑޮލަރުގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި އެއީ އަނބުރާ ނުލިބޭ ގޮތަށް ދައްކާ ފީއެއް ކަމަށް ބުނެފަވެ. އަދި ފައިސާ ބަލައިގަތުން ހޯމަ ދުވަހު ފަށައިފައިވާއިރު، އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް، ބަނޑޭރި ޕޭ https://bandeyripay.finance.gov.mv މެދުވެރިކޮށް ބަލައިގަންނާނެ ކަމަށް ވަނީ ބުނެފައެފައެވެ.
އިލެކްޓްރޯނިކް ޒަރީއާއިން ރެޖިސްޓްރޭޝަން ފީ ދައްކަން ބޭނުންވާނަމަ ޖަމާ ކުރަންޖެހޭ ބޭންކް އެކައުންޓުގެ މަޢުލޫމާތު ފިނޭންސްގެ އީމެއިލް މެދުވެރިކޮށް ރިކުއެސްޓް ކުރުމުން ހިއްސާކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ބީލަން ހުޅުވުން އޮންނާނީ އަންނަ ފެބްރުއަރީ މަހުގެ 10ވާ ހޯމަ ދުވަހުގެ 13:00 ގައި ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި ކަމަށެވެ. އަދި ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައި ކަމަށާއި ބޭރުގައި ބީލަމަށް ދީފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ނިޒާމުތަކެއް ތަރައްގީ ކުރުމުގެ މަޝްރޫއަކަށް އޭޑީބީއާއެކު 75 މިލިއަން ޑޮލަރުގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުގައެވެ.
އޭރު މިނިސްޓްރީން ބުނީ އެ މަޝްރޫއުގެ ދަށުން ޕްރައިވެޓް ސެކްޓާއިން އިއާދަކުރަނިވި ހަކަތައަށް ކުރާ އިންވެސްޓްމަންޓް އިތުރު ކުރުމަށާއި ފެނަކައިން ކަރަންޓު ގަތުމަށް ދައްކަން ޖެހޭ ފައިސާ ދެއްކުމުގައި ކުރިމަތިވެދާނެ ލަސްވުން ކުޑަކުރުމަށް ލިކުއިޑިޓީ ސަޕޯޓް ފެސިލިޓީއެއް ގާއިމުކުރާނެ ކަމަށެވެ.
އަދި މަދުވެގެން ދެ ރަށެއްގައި އިއާދަކުރަނިވި ހަކަތައިގެ ޓެކްނޮލޮޖީތައް (ކަނޑުތަކާއި، ވައިގެ ހަކަތަ) ތައާރަފު ކުރުމަށާއި އެންވަޔަރަމެންޓް މިނިސްޓްރީ އާއި ފެނަކައިގެ ގާބިލުކަން އިތުރުކުރަމަށާއި އިއާދަކުރަނިވި ހަކަތައާ ބެހޭ ރެގިއުލޭޝަން އިތުރަށް ހަރުދަނާ ކުރުމަށް އެ ފައިސާ ބޭނުންކުރާނެ ކަމަށް މިނިސްޓްރީން އޭރު ވަނީ ބުނެފައެވެ.