ގަސްތުގައި ޓެކުހަށް މަކަރު ހަދާކަމުގެ ތުހުމަތުގައި "ކާނި ހޮޓެލްސް"އަށް ދައުވާކުރަނީ

ކާނި ބީޗް ހޮޓެލް: ގަސްތުގައި ޓެކުހަށް މަކަރު ހަދާކަމުގެ ތުހުމަތުގައި ކާނި ހޮޓެލްސްއަށް ދައުވާކުރަން ހުށަހަޅައިފި -- ފޮޓޯ/ ކާނި ހޮޓެލްސް

ކ. މާފުށީގައި "ކާނި ހޮޓެލްސް" ނަމުގައި ހިންގާ ހަތަރު ގެސްޓްހައުސް ވިޔަފާރިން ޓެކުހަށް ގަސްތުގައި މަކަރުހެދި ކަމަށް ތުހުމަތުކުރެވޭތީ، ޖިނާއީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް، ދައުވާކޮށްދިނުމަށް އެދި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މައްސަލަ ހުށަހަޅައިފިއެވެ.

އެ ހަތަރު ހޮޓެލަކީ:

  • ކާނި ޕާމް ބީޗް
  • ކާނި ގްރޭންޑް ސީވިއު
  • ކާނި ވިލެޖް
  • ކާނި ބީޗް ހޮޓެލް

މީރާއިން ބުނީ އެ މައްސަލައަކީ 2019ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން 2022ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހުގެ ނިޔަލަށް އެ ހަތަރު ހޮޓެލުން މީރާއަށް ހުށަހަޅާފައިވާ ގްރީން ޓެކްސް، ޖީއެސްޓީ، ބީޕީޓީ އަދި އިންކަމް ޓެކްސް ބަޔާންތަކުގައި ދޮގު މައުލޫމާތު ހިމަނާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށެވެ. އަދި އެކަން ކޮށްފައި ވަނީ ގަސްތުގައި ޓެކްސް ދެއްކުމުން އެއްކިބާވުމުގެ ނިޔަތުގައި ކަމަށް ބެލެވޭ ކަމަށް މީރާއިން ބުންޏެވެ.

އެއާއެކު މީރާއިން ވަނީ އެ މައްސަލަ ތަހުގީގުކޮށްފައެވެ. އެ ތަހުގީގުން މީރާއަށް ފާހަގަވި ކަންތައްތައް:

  • ކާނި ހޮޓެލްސްއާ ގުޅޭ ވިޔަފާރިން މީރާއަށް ހުށަހަޅާފައިވާ ޓެކްސް ބަޔާންތަކުގައި އެ ވިޔަފާރިއަށް އަންނަ އެންމެހާ ގެސްޓުންގެ މައުލޫމާތު ހިމަނާފައި ނުވޭ.
  • ބޭރުގެ ޓުއާ އޮޕަރޭޓަރުން މެދުވެރިކޮށް އަދި ފްރީ އިންޑިޕެންޑެންޓް ޓްރެވަލާސްގެ ގޮތުގައި އަންނަ ގެސްޓުންގެ މައުލޫމާތާއި އާމްދަނީ ރިޕޯޓުކޮށްފައެއް ނުވޭ.
  • އެއާޕޯޓް ޓްރާންސްފާ، ރެސްޓޯރެންޓް، ސްޕާ، އެކްސްކާޝަން ފަދަ ޚިދުމަތްތަކުން ލިބޭ އާމްދަނީގެ ބޮޑުބައި މީރާއަށް ހުށަހަޅާފައިވާ ބަޔާންތަކުގައި ހިމަނާފައެއް ނުވޭ.

މީރާއިން ބުނީ އެ ތަހުގީގުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ވިޔަފާރިއާ ގުޅޭ ލިޔެކިޔުންތައް ބަލަހައްޓާ އެފަރާތުގެ އޮފީސް ބަލާ ފާސްކުރުމުގެ އިތުރުން މައުލޫމާތު ހޯދުމަށާއި ކުށުގެ ތުހުމަތުގައި މީހުން ހާޒިރުކޮށް ބަޔާން ނަގާފައިވާ ކަމަށެވެ.

އަދި "ކާނި ހޮޓެލްސް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑް" އަދި "އަސްނާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް"ގެ އިތުރުން ކުންފުނިތަކުގެ ދެ ޑިރެކްޓަރުން ކަމަށްވާ އަބްދުﷲ ނަޝީދާއި އައިމިނަތު އާސިމާ ސަލީމް އަދި ވިޔަފާރީގެ އެކައުންޓްސް މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވެފައިވާ އައިޝަތު ރަޒުނާގެ މައްޗަށް ދައުވާކުރަން ހުށަހަޅާފައިވާކަމަށް މީރާއިން ބުންޏެވެ.

މީރާއިން ބުނީ ޖީއެސްޓީ އަދި ޖީއާރުޓީ އޮޑިޓުތަކުގައި އަށްލައްކައަށްވުރެ ގިނަ ޑޮލަރު (13.3 މިލިއަން ރުފިޔާ) އިތުރަށް ދައްކަންޖެހޭ ޓެކުހުގެ ގޮތުގައި ކަނޑައަޅާ، އެ ޓެކްސް މީރާއަށް ދައްކަން އެ ކުންފުންނަށް އަންގާފައިވާނެ ކަމަށެވެ.

ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ 64ވަނަ މާއްދާގެ ދަށުން ދައްކަންޖެހޭ ޓެކްސް ދެއްކުމަށް އެނގިހުރެ، ގަސްތުގައި އެއްކިބާވުމުގެ ނިޔަތުގައި އެއްވެސް ކަމެއް ކުރުމަކީ ކުށެކެވެ.

comment ކޮމެންޓް