ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ، ކުރީގެ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ނައިބު ރައީސް, މުޙައްމަދު ފަޒީންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ދައުވާކޮށްފިއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި ފަޒީންގެ މައްޗަށް ތުހުމަތު ކުރަނީ އެތަނުގައި މަސައްކަތް ކުރި އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރި ކަމަށެވެ. އެ ތުހުމަތުތަކާ ގުޅިގެން ކުރީގެ ނޫސްވެރިޔާ ފަޒީން ބްރޯޑުކޮމުން ވަކިކުރަން މަޖިލީހުގައި މަސައްކަތް ފަށައިފައިވަނިކޮށް އޭނާ ވަނީ އަމިއްލައަށް އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ މާޗު 17ގައެވެ.
ޕީޖީ އޮފީހުން މިއަދު "ސަން"އަށް ބުނި ގޮތުގައި ފަޒީންގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލައިފައެވެ. އެއީ:
- ގާނޫނުލްއުގޫބާތުގެ 120ވަނަ މާއްދާގެ ދަށުން ގައިގައި އަތްލުމުގެ ދައުވާ
- ޖިންސީ ކުށުގެ ގާނޫނުގެ 17ވަނަ މާއްދާގެ ދަށުން ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ
މި ދެ ދައުވާ އޭނާގެ މައްޗަށް އުފުލައިފައިވަނީ މިދިޔަ އާދިއްތަ ދުވަހެވެ.
ފަޒީން އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް އިންކާރު ކުރައްވައެވެ. އެގޮތުން މީގެކުރިން ފަޒީންގެ ގާނޫނީ ވަކީލު ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތަކެއް ކަމަށެވެ. އަދި އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާއި، ފުލުހުން އަދި ބްރޯޑްކޮމްގެ ކޮމިޓީން ތަހުގީގުކުރުމުން ވެސް "ބުނި ބުނުން" ފިޔަވައި އިތުރު އެއްވެސް ހެއްކެއް، ގަރީނާއެއް ދެއްކިފައި ނުވުމަކީ އެއީ މަސްނޫއީ ބުހުތާނެއް ކަމަށް ވަކީލު ވިދާޅުވެއެވެ.