މާދަމައިން ފެށިގެން މަސްވެރިންނަށް އިތުރު ހަތަރު ތަނަކުން އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް ހުރިހާ އަތޮޅަކުން ވެސް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭ ގޮތް ހެދުމަކީ ރައީސްގެ ވައުދުފުޅެކެވެ. މިހާރު މަސްވެރިންނަށް އެ ރޭޓުގައި ތެޔޮ ލިބެނީ ހުޅުމާލޭގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑުން އެކަންޏެވެ. އެ ތަނުން ތެޔޮ އެ ރޭޓުގައި ދޫކުރަން ފެށީ ޖޫން މަހެވެ.
މާލެ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ގާފަރު ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، މާދަމައިން ފެށިގެން މާލެ އަތޮޅު ހިންމަފުށިންނާއި އައްޑޫ ސިޓީ ހުޅުމީދޫގެ އިތުރުން ކޫއްޑޫއާއި ފެލިވަރުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭނެ ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ކޫއްޑޫއާއި ފެލިވަރުގައި ހުންނަ ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ބޯޓުތަކުން ވެސް ހަމަ އެ ރޭޓުގައި މަސްވެރިންނަށް ތެޔޮ ދޫކުރަން ކަމަށެވެ. މާދަމައިން ފެށިގެން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭނީ، އެ ތަންތަނުގައި ހުންނަ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ އައުޓްލެޓްތަކުންނެވެ.
"މި ގޮތަށް ގޮސް 2025 ނިމޭއިރު މުޅި ރާއްޖޭގައި ވައުދުވީ ގޮތަށް އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން މަސައްކަތް މި ކުރަނީ މަސްވެރިންގެ އަޑު އަހައިގެން މަސްވެރިން އެދިވަޑައިގަންނަވާ ގޮތަށް ކަންތައްތައް ކުރެވޭތޯ،"
މީގެ އިތުރުން، ރައީސް ވިދާޅުވީ މަސްވެރިންގެ ދަފުތަރު އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ދަފުތަރާ ބެހޭ ގަވާއިދު މި ހަފުތާގެ ބުރާސްފަތި ދުވަހު ގެޒެޓުކުރެވޭނެ ކަމަށެވެ. އެ ގެޒެޓު ކުރެވުމުން މަސްވެރިންގެ ދަފުތަރަށް ގާނޫނީ ބާރުވެރިކަން ލިބޭނެއެވެ.
އެ ދަފުތަރުގައި ރަޖިސްޓްރީވާ މަސްވެރިންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އިސްލާމިކް ބޭންކް (އެމްއައިބީ) އަދި އެސްޓީއޯގެ ލޯނު ސްކީމްތަކާއި އެ ނޫން ވެސް ފެސިލިޓީތަކުގައި ބައިވެރިވެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބުރާސްފަތި ދުވަހުން ފެށިގެން އިރާދަކުރެއްވިއްޔާ މަސްވެރިންގެ ދަފުތަރާ ބެހޭ ގަވާއިދު ގެޒެޓުކުރެވުނީމާ ބޭންކް އޮފް މޯލްޑިވްސްއާއި އެމްއައިބީންނާއި އެސްޓީއޯއިންނާ، މަސްވެރިންނަށް އެހެން ވަޒީފާތަކުގައި އުޅޭ މީހުންނަށް އޮތް ފުރުސަތުތައް ލިބިގެންދާނެ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ހުޅުމާލޭގެ އިތުރަށް އެސްޓީއޯއިން ވަނީ ފިއުލް ސްޓޯރޭޖް ގާއިމުކުރާނެ ރަށްތަކެއް ކަނޑައަޅާފައެވެ. އެ ރަށްތަކަކީ:
- ހދ. ހަނިމާދޫ
- ހއ. އިހަވަންދޫ
- ށ. މިލަންދޫ
- ނ. މަނަދޫ
- ޅ. ފެލިވަރު
- ރ. ދުވާފަރު
- އއ. މަތިވެރި
- ވ. ފެލިދޫ
- މ. މުލަކު
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ތ. ހިރިލަންދޫ
- ލ. ގަން
- ގއ. ކޫއްޑޫ
- ގދ. ފަރެސްމާތޮޑާ
- ސ. ހުޅުމީދޫ
- ޏ. ފުވައްމުލައް
ރައީސް މުއިއްޒު ވަނީ މާދަމައިން ފެށިގެން ބީއެމްއެލް މެދުވެރިކޮށް އެ ބޭންކްގައި އެކައުންޓު ހުޅުވާފައިވާ މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
މި ސަރުކާރުން މަސްވެރިންނަށްވީ އެންމެ ބޮޑު އެއް ވައުދަކީ 48 ގަޑިއިރު ތެރޭ މަސްވެރިން ކިރާ މަހަށް ފައިސާ ދޫކުރުމެވެ. އެ ވައުދު މާދަމައިން ފެށިގެން ފުއްދޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ވައުދު ފުއްދުން ލަސްވީ ވެރިކަމާ ހަވާލުވެވަޑައިގެންއިރު ގައުމު އޮތް ހާލަތުން ކަމަށެވެ.