'ލަޔަން ކިންގް'ގެ އެންމެ ފަހު ފިލްމުން ޝާހުއާ އެކު އަބްރަހަމްގެ އަޑު

މި މަހުގެ 20ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތައްޔާރަށް އޮތް ޑިޒްނީގެ ފިލްމު "މުފާސާ: ދަ ލަޔަން ކިންގް"ގެ ހިންދީ ވާޝަންއަށް ޝާހްރުކް ޚާންގެ ތިން ބަފައިން އަޑު އަޅައިފިއެވެ.

ޝާހު ވަނީ ދަރިފުޅު އާރްޔަންއާ އެކު 2019ވަނަ އަހަރު ރިލީޒް ކުރި ޑީޒްނީގެ ފިލްމު "ދަ ލަޔަން ކިންގް"އަށް ވެސް އަޑު އަޅާފައެވެ. އޭރު އާރްޔަން އަޑު އަޅައި ދިނީ މި ފިލްމުގެ ސިމްބާ ކެރެކްޓައަށެވެ.

އޭގެ އަހަރުތަކެއް ފަހުން ޝާހު އާއި އާރްޔަންއާ އެކު ޑިޒްނީގެ ތާރީޚީ ފިލްމުގެ ހިންދީ ވާޝަންއަށް ޑަބްކޮށްދިނުމުގައި އެ އާއިލާގެ އެންމެ ހަގު މެމްބަރު ބައިވެރިވުމަކީ ޝާހުގެ އާއިލާއަށް ވަރަށް ތާރީޚީ ކަމަކަށް ވެފައި އެކްޓަރުގެ ސަޕޯޓަރުންނަށް ވެސް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެކެވެ.

އެ އާއިލާގެ ތުއްތު އަބްރަހަމްގެ އަޑުން "މުފާސާ: ދަ ލަޔަން ކިންގް"ގެ މުފާސާ ކެރެކްޓާގެ ތުއްތުއިރުގެ އަޑު ޑަބްކޮށްދީފައި ވާއިރު ޝާހު ވަނީ ތިން ބަފައިން އެކީގައި މަސައްކަތް ކުރަން ލިބުނު ފުރުސަތަށް ޝުކުރުވެރިވާ ކަމަށް ބުނެފައެވެ.

ޑިޒްނީ ފިލްމްސް އިންޑިއާއިން އާއްމުކުރި ހާއްސަ ވީޑިއޯއެއްގައި ޝާހު ވަނީ އާރްޔަން އަދި އަބްރަހަމްއާ އެކު މަސައްކަތް ކުރި ދުވަސް ތަކުގެ ތަޖުރިބާތައް ބެލުންތެރިންނާ ހިއްސާކޮށްފައެވެ. ޝާހު ބުނިގޮތުގައި ދެ ކުދިންގެ އުމުރާ ބަލާފަ މި ފިލްމަށް އަޑު އެޅުމުގެ މަސައްކަތް ދެ ކުދިން ވެސް ކުރީ ވަރަށް ކެތްތެރިކަމާ އެކު ކަމަށެވެ.

ދެ ކުދިން ދެއްކި ހިތްވަރުން ޝާހުއަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު ކަމަށާއި މި ފިލްމުގެ ކެރެކްޓާއަށް އަޑު އެޅުމަށް އާރްޔަން އާއި އަބްރަހަމް ވަރަށް ބުރަކޮށް މަސައްކަތް ކުރިކަމަށް ޝާހު ވަނީ ބުނެފައެވެ.

ޝާހު އެކްޓަރުގެ ދެ ކުދިން ކަމަށްވާ އާރްޔަން އަދި އަބްރަހަމްއާ އެކު--ފޮޓޯ/ޕިންކްވިލާ

އެގޮތުން ފިލްމުގެ ހިންދީ ޑައިލޮގްތައް ހިތުން ދަސްކުރުމަށް އަބްރަހަމްއަށް އެންމެ ބޮޑު އެހީތެރިކަމެއް ވެދިނީ ދަރިފުޅު ސުހާނާ ކަމަށާއި ގާތްގަނޑަކަށް 20 ނުވަތަ 25 އަކަށް ޑައިލޮގް އަބްރަހަމް ވަނީ ވަރަށް ފުރިހަމައަށް ޑަބްކޮށްފައި ކަމަށް ޝާހު ބުނެފައިވެއެވެ.

ޝާހުގެ ދެ ފިރިހެން ކުދިންނާ އެކު މަސައްކަތް ކޮށްލަން ލިބުނު މި ފުރުސަތަކީ އޭނާގެ ދިރިއުޅުމުގެ ވަރަށް ހާއްސަ ހަނދާނެއް ކަމަށާއި ޑަބިންގްގެ މަސައްކަތް ކުރިއިރު އިހުސާސް ކުރެވުނީ ތިން ބަފައިންގެ ޑޮކިއުމެންޓްރީއެއް ކުރިއަށްދިޔަ ކަމުގެ އިހުސާސް ކަމަށް ޝާހު ވަނީ ބުނެފައެވެ.

ޝާހުގެ ތިން ކުދިންގެ ތެރެއިން ސުހާނާ ފިލްމު އިންޑަސްޓްރީއަށް ތައާރަފުވެފައި ވާއިރު ދޮށީ ދަރިފުޅު އާރްޔަން ފިލްމު ޑައިރެކްޝަނަށް ނުކުންނަ ފިލްމު ނެޓްފްލިކްސް މެދުވެރިކޮށް ޕްރީމިއާ ކުރާނެކަން އެކްޓަރު ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް މި ފިލްމު ނެޓްފްލިކްސްއިން ގެނެސްދޭން ނިންމާފައިވާ ތާރީޚެއް އަދި ހާމައެއް ނުކުރެއެވެ.

comment ކޮމެންޓް