ދެ ލެޕްޓޮޕާއި ދެ އައިފޯނު ވަގަށް ނެގި މީހެއްގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ޖަހައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ ހ. ފިލިމާގޭ ގްރައުންޑް ފްލޯގައި ހުންނަ އޮފީހަކުން ވައްކަން ކޮށްފައި ވާކަަމަށް އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ލިބިފައި ވާކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން އުމުރުން 39 އަހަރުގެ ރ. އަލިފުށީ ހަބީބީހެޕަށް ނިސްބަތްވާ އިސްމާއިލް ސާއިފް އިއްޔެ ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ އޭނާ އެ އޮފީހުން ވަގަށް ނެގިކަމަށް ބެލެވޭ ދެ ލެޕްޓޮޕާއި ދެ އައިފޯނާއި އެއާޕޮޑެއްގެ އިތުރުން އަތުކުރި ގަޑިއެއް ހޯދާ އޭގެ ވެރިފަރާތާ ހަވާލުކޮށްފައި ވާކަމަށްވެސް ބުނެފައެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައި ވާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އަދި މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުން ދާކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި ފަހަކަށް އައިސް، ވަކިން ހާއްސަކޮށް މާލޭގައި ވައްކަމުގެ މައްސަލަތައް ވަނީ އިތުރުވެފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ފުލުހުން ވަނީ ވައްކަން ކުރުމަށްފަހު ފިލަން އަލަމާރިއެއްގެ ތެރެއަށް ވަދެ ހުއްޓާ ވެސް މީހަކު ހައްޔަރު ކޮށްފައެވެ.
ފުލުހުން ބުނިގޮތުގައި އަލަމާރިތެރެއިން އެމީހާ ހައްޔަރު ކުރީ 46ވަނަ ފަހަރަށެވެ.