އިއްޔެ ޓްރެއިލާ ދައްކާލި ފިލްމު "ބޭބީ ޖޯން"އަކީ އެކްޓަރު ވަރުން ދަވަންގެ ކެރިއަށް ހެޔޮ ބަދަލެއް ގެނެސް, ކެރިއަރަށް ބޮޑު އިންގިލާބެއް ގެނެސްދޭނެ ފިލްމެއް ކަމަށް ޑައިރެކްޓަރު އެޓުލީ ބުނެފިއެވެ.
ވަރުން ބައިވެރިވި ޓްރެއިލާ ލޯންޗުކުރި އިވެންޓުގައި ވާހަކަދައްކަމުން ސައުތު ސިނަމާގެ ކުޅަދާނަ ޑައިރެކްޓަރު އެޓުލީ ބުނީ, ފިލްމު "އެނިމަލް"އިން އެކްޓަރު ރަންބީރު ކަޕޫރަށް ލިބުނު ފަދަ ކާމިޔާބީއެއް "ބޭބީ ޖޯން"އިން ވަރުންއަށް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އެޓުލީ ބުނިގޮތުގައި ފެންވަރު ރަނގަޅު އުފެއްދުންތެރި ޑައިރެކްޓަރަކަށްވުމުގެ ހުނަރު އެޓުލީއަށް ލިބިފައިވާކަމުގެ ފުރިހަމަ ޔަގީންކަން އޭނާއަށް ދިން އެކަކީ ވަރުން ދަވަންއެވެ. އެޓުލީ ޑައިރެކްޓްކުރި ކާމިޔާބު ފިލްމު "ޖަވާން" ރިލީޒް ކުރުމުގެ މާ ކުރިން އެ ފިލްމު ކާމިޔާބުވާނެ ކަމަށް ވަރުން ބުނި ކަމަށާއި އެއަށް ފަހު އޭނާއަށް އިތުބާރުކުރި ދެވަނަ އެކްޓަރަކީ ބޮލީވުޑްގެ ކިންގް ޚާން ޝާހްރުކް ޚާން ކަމަށް އެޓުލީ ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް އެކްޝަން ފިލްމުތަކުން ފެނިފައިވާ ވަރުން "ބޭބީ ޖޯން"ގައި ފެންނާނީ ހުރި ހަމައެކަނި އަންހެން ދަރިފުޅު ސަލާމަތްކުރުމަށް ކޮންމެ ފަދަ ނުރައްކަލަކާ ވެސް ކުރިމަތިލާން ތައްޔާރަށް ހުންނަ ބިރު ކުޑަ ބައްޕައެއްގެ ރޯލުންނެވެ.
މި ފިލްމަކީ 2016 ވަނަ އަހަރު އެޓްލީ ގެނެސްދިން ފިލްމު "ތޭރީ"ގެ ރިމޭކެކެވެ. ރިލީޒްކުރާނެ ތާރީޚަކަށް ގިނަ ބަޔަކު އިންތިޒާރުކުރާ ފިލްމު "ބޭބީ ޖޯން"އިން ވަރުންއާ އެކު ދެން ފެންނާނީ ސައުތު ސިނަމާގެ ބަތަލާ ކީރްތީ ސުރޭޝް އަދި ޕަންޖާބީ ބަތަލާ ވަމީގާ ގައްބީއެވެ. ފިލްމުން ސަލްމާން ޚާންގެ ޚާއްސަ ފެނިލުމެއް ބެލުންތެރިންނަށް ފެންނާނެއެވެ. މި ފިލްމު ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މި މަހުގެ 25 ގައެވެ.