މިއަހަރު އެކަނިވެސް 260އަށްވުރެ ގިނަ ފުލުހުންނަށް, ރާއްޖެއިން ބޭރުގެ ތަމްރީނުތަކުގައި ބައިވެރިވުމަށް ފުރުސަތު ދީފައި ވާނެކަމަށް ކޮމިޝަނާ އޮފް ޕޮސިލް އަލީ ޝުޖާއު ވިދާލުވެއްޖެއެވެ.
ސީޕީ ޝުޖާއު މިފަދައިން ވިދާޅުވީ ފުލުހުންގެ 37ވަނަ ޕޮލިސް އިނީޝިއަލް ޓްރެއިނިން ކޯހުގެ ބައިވެރީން ދަސްވެނިވުމަށް މިރޭ އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ފުލުހުންނަށް ބޭނުންވާ ތައުލީމާއި ތަމްރީނާއި ހުނަރުތައް އިތުރައް ފުޅާކުރުމަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފުރުސަތުތައް ހޯދައިދެމުން އަންނަކަން ސީޕީ ވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން މިއަހަރު އެކަނިވެސް 260 އަށްވުރެ ގިނަ ފުލުހުންނަށް ރާއްޖެއިން ބޭރުން ތަމްރީނުތަކުގައި ބައިވެރިވުމަށް ފުރުސަތު ދީފައި ވާނެކަމަށް ވިދާޅުވިއެވެ.
ސީޕީ ވިދާލުވީ މިފަދަ ފުރުސަތުތައް ލިބެނީ ސަރުކާރުން އެކަމަށް ނުހަނު ބޮޑު އިސްކަމެއް ދެއްވާ އެކަން ހަމަޖައްސާ ދެއްވާތީ ކަމަށެވެ. އެހެންކަމުން އެކަމަށްޓަކައި އަދުގެ ސަރުކާރަށް ނުހަނު އިހުލާސްތެރި ކަމާއެކު ޝުކުރު ދަންނަވާކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
މިއަދު ޓްރެއިނިން ނިންމާ ރައްޔިތުނަށް ޚިދުމަތްކުރުމަށް ނުކުންނަ އޮފިސަރުންނަކީ ފުލުހުންގެ އިންޓަގްރިޓީ ހިފަހައްޓާ، އަޚުލާގީ ގޮތުން ރަނގަޅު ހަރުދަނާ ބަޔަކަށް ވުމަށް އަޒުމް ކަނޑައެޅުމަށް ދަސްވެނިވި އެންމެހާ އޮފިސަރުންނަށް ސީޕީ ޝުޖާއު ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.
އަދި އެއާއެކު ފުލުހުންނަކީ ހަރުދަނާ ގާބިލު ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށާއި ރިވެތި އަޚުލާގުގެ ވެރި ބަޔަކަށް ވާންޖެހޭ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.
"ޑިއުޓީ ގަޑިތަކާއި އެނޫން ގަޑިތަކުގައި ވެސް ރިވެތި އަހުލާގާއި ސުލޫކު ހިފަހައްޓާ ރިވެތި ބަހުން މުއާމަލާތުކުރާ ބަޔަކަށް ވުމަށް އަޅުގަނޑު ތިޔަ އެންމެހައި ފުލުހުންނަށް ގޮވާލަން." ސީޕީ ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ އިތުބާރު ހިފޭ، ފަންނީ ގޮތުންނާއި އުމްރާނީ ގޮތުން ކުރިއަރާފައިވާ ޚިދުމަތަކަށް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށެވެ.
ފުލުހުންގެ 37ވަނަ އަސާސީ ތަމްރީނު ކޯހުން ޖުމްލަ 171 އޮފިސަރުން ވަނީ މިރޭ ދަސްވެނިވެފައެވެ. އަދި އޭގެތެރޭގައި ޖުމްލަ 39 އަންހެން އޮފިސަރުން ހިމެނެއެވެ.