މީރާގެ ހުސްވެފައިވާ ބޯޑު މެންބަރުކަމަށް ކުރިމަތިލި 5 ބޭފުޅެއްގެ ނަން ކޮމިޓީއަށް ފޮނުވައިފި

20 ވަނަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: މީރާގެ ހުސްވެފައިވާ ބޯޑު މެންބަރުކަމަށް ކުރިމަތިލި 5 ބޭފުޅެއްގެ ނަން ހުށަހަޅައި، ކޮމިޓީއަށް ފޮނުވައިފި -- ފޮޓޯ/ މަޖިލިސް

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ޝަރުތު ހަމަވާ ބޭފުޅުންގެ ނަންތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.

މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި އޮތީ މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މެންބަރަކު އައްޔަނުކުރެއްވުމަށް ޓަކައި ރައީސުލްޖުމްޙޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކުރުމަށް އެކަމާ ގުޅުން ހުރި ދާއިމީ ކޮމިޓީއަށް ފޮނުވުމެވެ.

އެގޮތުން ރައީސް ހުށަހެޅުއްވި ނަންތަކަކީ:

  • ދަހާ ޝުއައިބް، ހ. ކެރީބިއަން
  • އަހުމަދު ފާއިޒް މުހައްމަދު، އަސްރަފީހިޔާ، ލ. މާވަށް
  • އަބްދުﷲ އިމްރާން، މާލަމް، ރ. ހުޅުދުށްފާރު
  • އަލްއުސްތާޒު މަހުޒޫމް ސަލީމް، ޝަބްނަމްގެ، ކ. ކާށިދޫ
  • އައިމިނަތު އާފިޔާ، ދަފްތަރު ނަންބަރު ރ.ސ. 13462

ރައީސް ވަނީ ޝަރުތު ހަމަވާ މެންބަރުންގެ ތަރުތީބުން ނަންތައް ހުށަހަޅުއްވާފައިވާ ކަމަށާއި މަޖިލީހުން ދިރާސާކުރުމަށްފަހު އޭގެތެރެއިން ބޭފުޅަކަށް އެ މާގަމަށް ރުހުން ދިނުމަށް އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށް އިގްތިސޯދީ ކޮމިޓީއަށް ފޮނުއްވާފައެވެ.

ރައީސް އޮފީހުން މީރާގެ ބޯޑު މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 17ގައެވެ. އެ މަގާމަށް ކުރިމަތިލާން ހުޅުވާލީ ބޯޑު މެމްބަރެއްގެ ދައުރު ހަަމަވާތީއެވެ.

މީރާގެ ބޯޑުގައި މި ވަގުތު ހަތް މެންބަރުން ތިއްބަވައެވެ. އެއީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޓޭޝަން ހަސަން ޒަރީރު، ޑެޕިއުޓީ ޗެއާޕާސަން ލީނާ މުހައްމަދު ޒާހިރު ހުސައިން، ޗެއާޕަސަން އަހުމަދު ސާއިދު މުސްތަފާ، ބޯޑު މެންބަރު އައިޝަތު އަޝާ އަލީ، ބޯޑު މެންބަރު މަހްޒޫމް ސަލީމް އަދި ބޯޑު މެންބަރު މުމްތާޒް އަބްދުއްރަޝީދުގެ އިތުރުން ބޯޑު މެންބަރު ހުޝާމް ވަހީދެއެވެ.

comment ކޮމެންޓް