އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީން ޓޮޓްނަމް ހޮޓްސްޕާ ބަލިކޮށް، އާސެނަލަށް މޮޅުނުވެވުމުގެ ފައިދާ ނަގައި، އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދުގައިވާ ފަރަގު ކުޑަކޮށްފިއެވެ.
ސްޕާސްގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި 4-2 އިންނެވެ.
ފަސްވަނަ މިނެޓުގައި ޗެލްސީގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ސްޕާސްއިން މެޗުގެ ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޑިމިނިކް ސޮލަންކީއެވެ. އެ ޓީމުން ޗެލްސީއަށް ކުރަމުންދިޔަ ޕްރެޝަރު ހުއްޓާނުލާ ކުރިއަށް ގެންދިއުމުގެ ނަތީޖާއަކަށް ވެގެންދިޔައީ 11 ވަނަ މިނެޓުގައި ޑެޔާން ކުލުސެވްސްކީ ޖަހައިދިން ލަނޑާ އެކު ސްޕާސްގެ ލީޑު ފުޅާކުރުމެވެ. މި ލަނޑާ އެކު މެޗުގައި އަނެއްކާ ވެސް ސްޕާސްއިން ގިނަ ލަނޑުތަކެއް ޖަހައިގެން މޮޅުވެދާނެކަމަށް ހީވިއެވެ.
ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯއެވެ. މި ލަނޑާ އެކު ސްޕާސް ކޮންމެ ވެސް ވަރަކަށް ފަހަތަށް ޖެހިގެން ކުޅެމުންދިޔަތަން ފެނުނުއިރު ޗެލްސީން ހަމަލާއަށް އިސްކަންދިނުން އިތުރުވެގެންދިޔައެވެ.
ޗެލްސީން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކޯލް ޕާމާއެވެ. ޗެލްސީން ލީޑު ނަގާފައިވަނީ 73 ވަނަ މިނެޓުގައި އެންޒޯ ފެނާންޑޭޒް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ޗެލްސީގެ ފަހު ލަނޑު މެޗުގެ 84 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ދެވަނަ ޕެނަލްޓީން ކާމިޔާބުކޮށްދިނީ ވެސް ޕާމާއެވެ. މިއީ ޕާމާ ޖެހިޖެހިގެން ކާމިޔާބުކުރި 12 ވަނަ ޕެނަލްޓީއެެވެ.
މެޗުގެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ސްޕާސްއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބިފައެވެ. ނަމަވެސް، ނިންމާލުން ރަނގަޅުނުވުމުގެ ސަބަބުން މީގެ ތެރެއިން ގިނަ ހަމަލާތައް ކާމިޔާބުކުރެވޭގޮތެއް ނުވިއެވެ. މެޗުގައި ސްޕާސްގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ ހަވަނަ މިނެޓުގައި ޖަހައިދިނީ ސޮންއެވެ.
މި ކާމިޔާބީއާ އެކު ޗެލްސީން ވަނީ މިހާތަނަށް ކުޅުނު 15 މެޗުން ލިބިފައިވާ 31 ޕޮއިންޓާ އެކު ދެވަނައަށް ކުރިއަށް ޖެހިލުމުގެ އިތުރުން އެއްވަނައިގައި އޮތް ލިވަޕޫލާ ދެމެދުގައިވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. ސްޕާސް އޮތީ 20 ޕޮއިންޓާ އެކު 11 ވަނައިގައެވެ.
މުބާރާތުގައި ބޯންމޯތާއި އިޕްސްވިޗް ޓައުން ބައްދަލުކުރި މެޗު އެންމެ ފަހު ވަގުތު ޖެހި ދެ ލަނޑާ އެކު ކާމިޔާބުކޮށްފައިވަނީ ބޯންމޯތެވެ. އިޕްސްވިޗްގެ ދަނޑުގައި ކުޅުނު މި މެޗު ބޯންމޯތުން ކާމިޔާބުކޮށްފައިވަނީ 2-1 އިންނެވެ.
އިޕްސްވިޗްއިން މެޗުގެ 21 ވަނަ މިނެޓުގައި ކޯނޯ ޗެޕްލިން ކާމިޔާބުކޮށްދިން ލަނޑާ އެކު މެޗު ކާމިޔާބުކުރުމާ ގާތަށް ގޮސްފައިވަނިކޮށް ބޯންމޯތަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ މެޗުގެ 87 ވަނަ މިނެޓުގައި އެނެސް އުނާލެވެ. އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި އެ ޓީމަށް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ޑެންގޯ އޮއުއަޓާރާއެވެ.
މި ކާމިޔާބީއާ އެކު ބޯންމޯތު މިހާރުވަނީ 24 ޕޮއިންޓާ އެކު އަށްވަނައަށް ކުރިއަށް ޖެހިލާފައެވެ. އިޕްސްވިޗް އޮތީ ނުވަ ޕޮއިންޓާ އެކު 18 ވަނައިގައެވެ.