ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ބޭނުމަކީ ރައްޔިތުން މެމްބަރުންނަށް ކުރާ އިތުބާރު ގެއްލުވާލުމުގެ ފުރުސަތު ނުދިނުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
މިފަދައިން އެމަނިކުފާނު ވިދާޅުވީ، މިރޭ އއ. މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މަޖިލީހަށް މެމްބަރުން ހޮވެނީ ވަކި ޕާޓީއަކުން ކުރިމަތިލުމުން ނުވަތަ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި ކުރިމަތި ލުމުން ކަމަށެވެ. އެހިސާބުން ރައްޔިތުންނާއި މެންބަރާ ދެމެދު އަހުދެއް ގާއިމްކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.
"އޭނަ ކޮންމެވެސް ސަބަބަކާ ދިމާވެގެން ކެންމެވެސް ކަހަލަ ގޮތަކުން އެއްކަލަ ބޮންޑު ބްރޭކްވަނީ. އޭނާ ހޮވި ގޮތް ބަދަލުކުރަނީ. ރައްޔިތުން އޭނަ ހޮވީ ކޮންމެވެސް ޕާޓީއަކުން އައީމަ ނޫނީ އަމިއްލަ ގޮތުން އައީމަ. ނަމަވެސް، އެކަން ދޫކޮށްލީމަ ކޮބައިތޯ އޭނައަށް ވޯޓު ދެއްވި ރައްޔިތުންގެ ހައްގު،"
ރައީސް ވިދާޅުވީ، މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރެވޭ ކަމަށެވެ.
"ރައްޔިތުން މަޖިލީހަށް މެމްބަރަކު ހޮވާފައި އެ މެމްބަރު ހޮވި ސަބަބު ބޮލާލައި ޖަހާފައި އެހެން ގޮތަކަށް ދިޔައީމާ ރައްޔިތުންގެ ހައްގު ކޮބައިތޯ. އެކަން ހިމަޔަތް ކުރުމަށްޓަކައި، އެކަން ޔަގީންމި ކުރަނީ ގާނޫނު އަސަސީގައި،"
މި އިސްލާހުގެ ސަބަބުން އިދިކޮޅު ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެގޮތުން މި އިސްލާހަކީ ރައީސްގެ މުށުތެރެއަށް މެންބަރުން ލުން ކަމަށާއި މި އިސްލާހުގެ ސަބަބުން މެމްބަރުންގެ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.
މި އިސްލާހު ބާތިލުކުރަން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވަނީ މިދިޔަ މަހުގެ 24ވަނަ ދުވަހު ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައެވެ. މި މައްސަލައަށް އެމްޑީޕީއާއި ޑިމޮކްރެޓުން ވަނީ ތަދައްޚުލު ވެފައެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައިގައި އަލީ ހުސައިން ފާހަގަކުރެއްވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ގާނޫނުއަސާސީގެ ފަސް މާއްދާއަކާ ހިލާފު ކަމަށެވެ. އެއީ؛ ހަތަރުވަނަ މާއްދާއާއި އަށްވަނަ މާއްދާއާއި 26 ވަނަ މާއްދާއާއި 75 ވަނަ މާއްދާ އަދި 90 ވަނަ މާއްދާއެވެ.