ނަވާރަސަތޭކަ ނުވަދިހައިގެ އަހަރުތަކުގައި ބައެއް ފިލްމުތަކުން ފެނިފައިވާ ކުރީގެ ފިލްމީ ތަރި މަމްތާ ކުލްކަރުނީ 25 އަހަރު ފަހުން އެނބުރި އިންޑިއާއަށް އައިސްފައިވާ ކަމަށް ބުނެފިއެވެ.
މަމްތާގެ މައްޗަށް 2015 ވަނަ އަހަރު ކުރެވުނު ޑްރަގް ޓްރެފިކިންގް ތުހުމަތުތަކާ ގުޅިގެން ބަތަލާ ވަނީ އިންޑިއާއިން ބޭރުގައި އެތައް އަހަރުތަކެއް ހޭދަކޮށްފައެވެ.
މަމްތާގެ ފިރިމީހާ ކަމަށް މީޑިއާތަކުން ބުނާ ވިކީ ގޮސްވާމީއާ އެކު 2015 ވަނަ އަހަރު ކެންޔާއަށް ކުރި ދަތުރެއްގައި މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން، އިތުރު އެހެން ޣައިރު ޤާނޫނީ މުއާމަލާތުތަކެއް ކޮށްފައިވާ ކަމަށް ބަތަލާގެ މައްޗަށް ތުހުމަތުކޮށް ފުލުހުން ވަނީ މަމްތާ ހައްޔަރުކުރުމަށް އަމުރު ނެރުމުން ބަތަލާ ވަނީ އިންޑިއާ ދޫކޮށް ފިލާފައެވެ.
އިންޑިއާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި މަމްތާ ބުނެފައިވަނީ ވިކީ ގޮސްވާމީއަކީ އޭނާ ދަންނަ މީހެއް ނަމަވެސް ވިކީގެ ވިޔަފާރިއާ ބެހޭ އެއްވެސް މައުލޫމާތެއް ބަތަލާއެއް ނޭނގޭ ކަމަށެވެ.
މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލަތަކުގައި މަމްތާގެ ނަން މުމްބާއީގެ ފުލުހުން ބޭނުންކުރީ އެއްވެސް ހެއްކެއް ނެތި ކަމަށާއި ނަމަވެސް އިންޑިއާގެ ކޯޓުން ވަނީ މަމްތާގެ އެއްވެސް ބައިވެރިވުމެއް ވިކީގެ ވިޔަފާރީގައި ނެތްކަމަށް ނިންމާފައި ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
މުމްބާއީގެ ކޯޓުން ދިން 'ކްލީން ޗިޓާ'އެކު ބަތަލާ 25 އަހަރު ފަހުން އެނބުރި އަމިއްލަ ޤައުމަށް އައިސްފައިވާކަން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯއަކުންނެވެ.
މަމްތާގެ ކެރިއަރުގައި ކުޅުނު މަގުބޫލު ފިލްމުތަކުގެ ތެރޭ "ރާމް ލަކަން"، "ކަރަން އަރުޖުން"، "ބާޒީ" އަދި "އާޝިޤް އާވާރާ" ހިމެނެއެވެ. އިންޑިއާއަށް އެނބުރި އައި ނަމަވެސް މަމްތާ ފިލްމު އިންޑަސްޓްރީ ފެންނާނެކަމުގެ ސިގްނަލެއް މިހާތަނަށް ބަތަލާ ދީފައެއް ނުވެއެވެ.