އާމިރުގެ ފިލްމު 'ސިތާރޭ ޒަމީން ޕަރު' އަންނަ އަހަރު ގެނެސްދޭން ނިންމައިފި

އެކްޓަރު އާމިރު ޚާން މި އަހަރުގެ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި--ފޮޓޯ/ބޮލީވުޑްހަންގާމާ

ބޮލީވުޑްގެ ފިލްމީ ތަރި އާމިރު ޚާން މަސައްކަތް ފަށާފައިވާ ފިލްމު "ސިތާރޭ ޒަމީން ޕަރު" އަންނަ އަހަރު ގެނެސްދޭން ނިންމާފައިވާ ކަމަށް އެކްޓަރު ބުނެފިއެވެ.

ސަޢުދީ ޢަރަބިއްޔާގައި މިހާރު ކުރިއަށްދާ ރެޑް ސީ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލުގައި މީޑިއާއަށް މައުލޫމާތު ދެމުން އާމިރު ޚާން ބުނެފައި ވަނީ، މި އަހަރުގެ ޑިސެމްބަރު މަހު ފިލްމު ރިލީޒް ކުރާނެ ކަމަށް ބައެއް ރިޕޯޓުތައް ބުނި ނަމަވެސް ޓާގެޓަކީ ފެށޭ 2025 ވަނަ އަހަރުގެ މެދުތެރޭ ފިލްމު ބެލުންތެރިންނަށް ގެނެސްދިނުން ކަމަށެވެ.

ފިލްމުގެ ޕޯސްޓު ޕްރޮޑަކްޝަން މަރުހަލާ މި މަހު ފަހުކޮޅު ފެށޭނެ ކަމަށާއި އަންނަ އަހަރު ފިލްމު ގެނެސްދޭނެ ކަމަށް އާމިރު ބުނި ނަމަވެސް ފިލްމު ރިލީޒްކުރާނެ ވަކި ތާރީޚެއް ހާމަކޮށްފައެއް ނުވެއެވެ.

އާމިރު ޚާން ބަތަލާ ޖެނީލިއާއާ އެކު--ފޮޓޯ/ޓައިމްސްނިއު

އާމިރު ޚާން އަދި ކުރީގެ އަންހެނުން ކިރަން ރާއޯ ޕްރޮޑިއުސް ކުރާ ފިލްމު "ސިތާރޭ ޒަމީން ޕަރް" އަކީ 2007 ވަނަ އަހަރު އާމިރު ގެނެސްދިން އައިކޮނިކް ފިލްމު "ތާރޭ ޒަމީން ޕަރް"ގެ ސީކުއަލްއެކެވެ. މި ފިލްމަކީ "ތާރޭ ޒަމީން ޕަރް"ގެ ސީކުއަލްއެއް ނަމަވެސް ފިލްމުގައި މުޅިން އާ ކެރެކްޓާސް ތަޢާރަފްކޮށް މުޅިން އާ ތާޒާ ޕްލޮޓަކަށް އުފައްދާ ފިލްމެއް ކަމަށް އާމިރު ވަނީ ބުނެފައެވެ.

ފިލްމު "ސިތާރޭ ޒަމީން ޕަރް" އަކީ 2018 ވަނަ އަހަރު ރިލީޒްކުރި ސްޕެނިޝް ފިލްމު "ޗެމްޕިއަންސް" އަސްލަކަށް ބަލައިގެން އުފައްދާ ފިލްމެކެވެ. މި ފިލްމުގެ ލީޑް ތަރިންގެ ތެރޭގައި އާމިރު ޚާން އަދި ބަތަލާ ޖެނީލިއާ ދޭޝްމުކް ހިމެނޭއިރު އިތުރު ކާސްޓުންނާ ބެހޭ މައުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް