ހިންދީ ސިނަމާގެ 'ޕާފެކްޝަނިސްޓް'ގެ ނަމުން ގިނަ ބަޔަކު މުޚާތަބުކުރާ އެކްޓަރު އާމިރު ޚާންގެ 60 ވަނަ އުފަންދުވަސް ވަރަށް ކުލަގަދަކޮށް 'ގްރޭންޑް'ކޮށް ފާހަގަކުރަން އާމިރު ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ބޮލީވުޑްހަންގާމާގައި ބުނެފައިވާ ގޮތުގައި އާމިރުގެ އުފަންދުވަހާ ގުޅުވައިގެން ބާއްވާ ހަފުލާ އޮންނާނީ ކުރިއަށް އޮތް މާޗު މަހުގެ 13 ވަނަ ދުވަހުގެ ރޭ މުމްބާއީގެ ފަސް ތަރީގެ ހޮޓަލެއްގައެވެ. އެކްޓަރުގެ އުފަންދުވަހުގެ މި ހަފުލާއަށް ފިލްމު އިންޑަސްޓްރީގެ އޭ-ލިސްޓު ތަރިންގެ އިތުރުން ފިލްމު އިންޑަސްޓްރީއާ ގުޅުންހުރި ގިނަ ބަޔަކަށް ދައުވަތު އެރުވޭނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
އޭގެ ތެރޭގައި އާމިރުގެ ގާތް އެކުވެރިން ކަމަށްވާ ޝާހްރުކް ޚާން، ސަލްމާން ޚާން ހިމެނޭއިރު ފިލްމީ ތަރިން ކަމަށްވާ ދީޕިކާ ޕަދުކޯން، ރަންވީރު ސިންގް، ކަރީނާ ކަޕޫރު ޚާން އަދި ރާނީ މުކަރުޖީ ފަދަ ފިލްމީ ތަރިން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާމިރު ޚާނަކީ އާންމުކޮށް މިފަދަ ކުލަގަދަ ހަފުލާތަކާ ވަރަށް ދުރުގައި އުޅޭ އެކްޓަރެކެވެ.
އެކްޓަރުގެ އުފަންދުވަހާ ގުޅުވައިގެން ބޭއްވޭ މި "ގްރޭންޑް ހަފުލާ" ވެގެންދާނީ އާމިރު މިފަދަ ގޮތަކަށް ބާއްވާ ފުރަތަމަ ހަފުލާއަށެވެ. ފިލްމު "3 އިޑިއަޓްސް"ގެ އެކްޓަރާ ގާތް ގުޅުމެއް އޮންނަ ފަރާތަކުން މީޑިއާގައި ބުނެފައިވަނީ ވޭތުވެދިޔަ އަހަރަކީ އާމިރުގެ ޕްރޮފެޝަނަލް އަދި އަމިއްލަ ދިރިއުޅުމުގައި ވެސް ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހުނު އަހަރެއް ކަމަށެވެ.
![](http://s3-ap-southeast-1.amazonaws.com/sun.assets/uploads/l_173855604930XMfR.jpg)
އާމިރު ޚާން ފިލްމީ ތަރިން ކަމަށްވާ ސަލްމާން ޚާން އަދި ޝާހްރުކް ޚާންއާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އުމުރުން 60 އަހަރު ފުރޭތީ އެކްޓަރު ބޭނުންވަނީ ދިރިއުޅުމުގައި މިހާތަނަށް ހޯދިފައިވާ ކާމިޔާބީތަކާ އެކު އުފާވެރި ވަގުތުތަކެއް ވީހާ ވެސް ގިނަ ބަޔަކާ އެކު ހިއްސާކުރުމަށް ކަމަށް އާމިރުގެ ގާތް މީހަކު މީޑިއާގައި ވަނީ ބުނެފައެވެ.
މިއީ އާމިރުގެ އާއިލާގެ ވަރަށް ގިނަ ބަޔަކު އެކަކު އަނެކަކާ ގުޅުން ބަދަހިކޮށްލަން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށާއި ފިލްމު އިންޑަސްޓްރީގެ ވެސް ގިނަ ބަޔަކާ ގުޅުން ބަދަހިކޮށްލުމަށް ލިބޭނެ ފުރުސަތެއް ކަމަށް އެ މީހާ ވަނީ ބުނެފައެވެ.
އާމިރުގެ އުފަންދުވަހު ބާއްވާ ހަފުލާއަށް ދައުވަތު އަރުވާ މެހެމާނުންނަށް އެކްޓަރު އަމިއްލައަށް ގުޅުމަށް ފަހު ދައުވަތު ދޭން ނިންމާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. ބެލުންތެރިންނަށް އާމިރު ޚާން އެންމެ އަވަހަށް ފެންނާނެ ފިލްމަކީ މި އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު "ސިތާރޭ ޒަމީން ޕަރު"އެވެ.