މީގެ ކުރިން ދެ ކައިވެންޏެއްކޮށް އެ ދެ ކައިވެނި ވެސް ރޫޅިފައިވާ އިންޑިއާގެ އެކްޓަރު އާމިރު ޚާން އާ ލޯބިވެރިއަކު ހޯދައިފި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ބުނާގޮތުން އާމިރުގެ ލޯބިވެރިޔާއަކީ އިންޑިއާގެ ބެންގަލޫރަށް ނިސްބަތްވާ މީހެކެވެ. އަލަށް ހޯދި ބައިވެރިޔާގެ އެއްވެސް ތަފުސީލެއް މިހާތަނަށް ހާމަކޮށްފައި ނުވާއިރު މި ގުޅުމާ މެދު އާމިރު ވަރަށް ސީރިއަސް ކަމަށާއި އަލަށް ހޯދި ލޯބިވެރިޔާ އާމިރުގެ އާއިލާގެ މެމްބަރުންނަށް ތައާރަފުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އާމިރު ބައިވެރިޔަކު ހޯދިކަމުގެ އަޑުތަކެއް އަރާފައިވާއިރު ދާދިފަހުން އެކްޓަރު ބައިވެރިވި ޕޮޑްކާސްޓު ޝޯއެއްގައި ބުނެފައި ވަނީ އޭނާ އަކީ އެކަނިވެރި ދިރިއުޅުމެއްގައި އުޅޭހިތްވާ މީހެއް ނޫން ކަމަށެވެ. ބައިވެރިއެއް ހޯދުމުގެ ވިސްނުން ގެންގުޅޭ ކަމަށާއި އެކަމަކު އެކަމަށް ކިހާ ވަގުތެއް ނަގާނެކަން ނޭނގޭ ކަމަށް މި ޕޮޑްކާސްޓުގައި އާމިރު ވަނީ ބުނެފައެވެ.
އާމިރު ޚާންގެ ފުރަތަމަ ކައިވެނި ކުރީ އެކްޓަރަށް ވުރެ އުމުރުން ދޮށީ ރީނާ ދައްތާއާއެވެ. ރީނާ އާއި އާމިރުގެ ކައިވެނި ކުރީ އާމިރުގެ ފުރަތަމަ ފިލްމު "ޤަޔާމަތު ސޭ ޤަޔާމަތު ތަކް" ކުޅުނު ދުވަސްވަރުއެވެ. ދެ މީހުންގެ ކައިވެނި 16 އަހަރު ފަހުން ރޫޅުނުއިރު މި ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ.
އެއީ މިހާރު ފިލްމީ ދާއިރާއަށް ތައާރަފުވެފައިވާ 31 އަހަރުގެ ޖުނައިދު ޚާން އާއި 21 އަހަރުގެ އަންހެން ދަރިފުޅު އިރާ ޚާންއެވެ.
ފުރަތަމަ ކައިވެނި ރޫޅުނުތާ ތިން އަހަރު ފަހުން އާމިރު ދެން ޒަވާޖީ ޙަޔާތެއް ފެށީ ކެރިއަރުގެ އެންމެ ކާމިޔާބު އެއް ފިލްމު ކަމަށްވާ "ލަގާން"ގެ އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އޭރު މަސައްކަތް ކުރި ކިރަން ރާއޯއާއެވެ. ކިރަންއާ އާމިރުއަށް ސަރޮގެސީ މެދުވެރިކޮށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު މި ކައިވެނި ވެސް ވަނީ 16 އަހަރު ފަހުން ރޫޅިފައެވެ.
އާމިރު އާއި ކިރަންގެ ކައިވެނީގައި މައްސަލަތައް ޖެހެން ފެށީ އެކްޓަރާ އެކު ބައެއް ފިލްމުތަކުގައި މަސައްކަތް ކުރި ޒުވާން ބަތަލާ ފާތިމާ ސަނާ ޝައިހާއެކު ލޯބީގެ ގުޅުމެއް އުފެދުމުން ކަމަށް ވެސް އޭރު މީޑިއާތަކުން ވަނީ ބުނެފައެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން މިހާތަނަށް ދެ މީހުންގެ ފަރާތުން ވެސް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.